ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މިރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗް، ކުރީގެ މަޝްހޫރު ކްލަބް، ކްލަބް ވެލެންސިޔާ 0-5 އިން ބަލިކޮށް މާޒިޔާއިން މިރޭ ކާމިޔާބު ކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގައި މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ތަޖުރިބާކާރު ދެފޯވާޑުން ކަމުގައިވާ އަލީ އަޝްފާޤް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ކުޅެމުންދިޔަ ވެލެންސިޔާއަށް މާޒިޔާގެ ގޯލަށް އަމާޒުކޮށް މުޅި މެޗުގައި ފޮނުވާލެވުނީ ނުރައްކާތެރި އެންމެ ދެހަމަލާއެވެ. މިސީޒަނަށް އެންމެ ފުރިހަމައަށް ތައްޔާރުވި މާޒިޔާއަށް މިމެޗުގައި ލަނޑުތައް ކާމިޔާބު ކޮށްދިނީ އިބްރާހިމް އައިސަމް (ޓޯނީ) އާއި އިބްރާހިމް ވަހީދު (އިއްބެ)، ބިދޭސީ ފޯވާޑް ސްޓެވާޓާއި ހަމްޒާ މުހައްމަދު (ހަމްޕް) އާއި ހުސައިން ނިހާން (ނިހާޓް) އެވެ. މީގެ ތެރެއިން ހަމްޕް ޖެހި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ.

މާޒިޔާއާ ދެކޮޅަށް ނިކުތް ވެލެންސިޔާގެ ފުރަތަމަ އެގާރަ. ފޮޓޯ: އެފްއޭއެމް

މިމެޗަށް މާބޮޑު ތައްޔާރީތަކެއް ނުވެ ވެލެންސިޔާއިން ނިކުތްއިރު މާޒިޔާއިން ވަނީ މިސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ނ.ކެނދިކުޅުދޫގައި ޓްރެއިނިންގ ކޭމްޕެއް ފުރިހަމަ ކޮށްފައެވެ. މިދިޔަ ސީޒަނުގައި އީގަލްސްއިން ޗެރިޓީ ޝީލްޑް ކާމިޔާބު ކުރީ މޯހަންގެ އިރުޝާދުގެ ދަށުން މާޒިޔާ ބަލިކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.

ޗެރިޓީ ޝީލްޑުގެ ފައިސާގެ އިނާމްގެ ގޮތުގައި އެފްއޭއެމްއިން މާޒިޔާއިން ދީފައި ވަނީ 100،000 ރުފިޔާއެވެ. މިފައިސާ އެކްލަބުން ހަދިޔާ ކުރީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ބްލައިންޑް އެސޯސިއޭޝަނަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ކަލަންޑަރުގައި މިފަހަރު ފުރަތަމަ އޮތީ ރައީސުލް ޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތެވެ. ދެއަހަރުގެ މެދު ކެނޑުމަކަށްފަހު މިމުބާރާތް މިފަހަރު ފަށާނީ އަންނަ ހުކުރު ދުވަހުގެ ރޭ ގައެވެ.