ރާއްޖޭގައި ބާއްވާ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްއާރްސީ) ރޭ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސަޕްރައިޒިންގ ޓީމުގެ ގޮތުގައި މިހާރު ލޭބަލް ވެފައި އޮތް އެފްއެސްއެމްއިން ފައިނަލުން ފުރުސަތު ހޯދީ ސެމީފައިނަލުގައި 2-1 އިން ޕްރިޒަން ކްލަބު ބަލިކޮށްފައެވެ. މެޗުގައި ފެނިގެންދިޔަ 3 ލަނޑުވެސް ފެނިގެންދިޔައީ މެޗް ނިމެން ކައިރި ވެފައި ވަނިކޮށެވެ. ޕްރިޒަން ކްލަބުގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މުހައްމަދު ތާހިރް (އިފާން) ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުން އެފްއެސްއެމްއިން ލީޑް ނަގާފައި ވަނިކޮށް ޕްރިޒަން ކްލަބުން އެއްވަރު ކުރީ މެޗް ނިމެން ދެމިނެޓަށް ވެފައި ވަނިކޮށް އާދަން މަންސޫރެވެ. އެފްއެސްއެމްއިން ދެވަނަ ފަހަރަށް ލީޑް ނެގީ އެޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ނާއިފް ޝަފީޤް (ސީއާރު3) އެވެ.

https://www.facebook.com/108186751715143/posts/111536434713508/

އެފްއެސްއެމްގެ މުހައްމަދު ތާހިރް (އިފާން) ކާމިޔާބު ކުރި ލަނޑުގެ ލިންކް.

މެޗުގެ އެންމެ ފަހު ސިކުންތުގައި ނަތީޖާ ހަމަހަމަކޮށްލައި ޕެނަލްޓީއަށް ދިޔުމަށް ޕްރިޒަން ކްލަބަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު އެފްއެސްއެމްގެ 5 ފައުލް ހަމަވެގެން ލިބުނު ދުރު ޕެނަލްޓީ ޕްޒިޒަން ކްލަބުގެ އަހްމަދު ޝަމާލް ފޮނުވާލުމުން އެފްއެސްއެމްގެ ކީޕަރު އަބްދުﷲ ފަޔާޒް (ފަޔާ) ވަނީ ހުށިޔާރު ކަމާއެކު މަތަކޮށްފައެވެ.

ރާއްޖޭގެ ފުޓްސަލްގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅެމުންދާ އާރްއާރްސީއިން ފައިނަލުން ޖާގަ ހޯދީ އެޓީމަށް ދޫނުކުރާ ވަރުގެ މަޝްހޫރު ތަރިން ތިބި ފެނަކަ ޕެނަލްޓީގައި 3-6 އިން ބަލިކޮށްފައެވެ. ފެނަކައިން މިމެޗަށް ނިކުންނަން ޖެހުނީ ދެރީނދޫ ކާޑް ހަމަވުމުގެ ސަބުން ސަސްޕެންޑްވެފައި ހުރި އެންމެ މުހިއްމު ކުޅުންތެރިޔާ އަޔާޒް އަހްމަދު ނުލައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އާރްއާރްސީއިންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ އަބްދުﷲ މިދްހަތު (ބިޗަޑް) އެވެ. ލިޑް އިތުރަށް ފުޅާވީ ތަޖުރިބާކާރު ކުޅުންތެރިޔާ އާދަމް ނާސިހް (އާދަންނާ) ނަގައިދިން ހުރަހެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ރީހާމް (ބޮބީ) އަތުން ބައިކޮޅަށް ވަނުމުންނެވެ. އެކަމަކު އޭގެ ކުޑަ އިރުކޮޅެއް ފަހުން ޔަޝްފާދު ހަބީބް (މުލަކޭ) ގެ ލަނޑަކުން ފެނަކައިން އުއްމީދު އާކުރިއެވެ.

ދެޓީމަށް ތަރުހީބު ދިނުމަށް އެއްވެފައި ތިބި ސަޕޯޓަރުންގެ އަޑުން ދަނޑު ގުގުމަމުން ދަނިކޮށް އާރްއާރްސީން ދެވަނަ ހާފުގެ ކުރީކޮޅު ލީޑް އަނެއްކާވެސް ފުޅާކުރީ ބިޗަޑްގެ ލަނޑަކުންނެވެ. މެޗުގެ ފޯރިގަދަވެގެންދިޔައީ މެޗް ނިމެން ކައިރިވެފައި ވަނިކޮށް މުލަކޭ ކާމިޔާބު ކޮށްދިން ދެލަނޑުން ފެނަކައިން ނަތީޖާ ހަމަހަމަ ކުރުމުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ފެނަކައިގެ މުލަކޭ އާއި އިބްރާހިމް އަރީޝް (އަރިއްޓޭ) އާއި އަހްމަދު ހަލީމް (އައްމަޑޭ) ފޮނުވާލި ޕެނަލްޓީތައްވީ ނާކާމިޔާބެވެ. އާރްއާރްސީން ފައިނަލުގެ ޖާގަ ހޯދި ޕެނަލްޓީ ޖެހީ ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހިމް އަސްވަދު (ގަބޭ) އެވެ.

އެފްއެސްއެމް އާއި ފެނަކަ ބައްދަލު ކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 21:00 ގައި ރެހެންދި ދަނޑުގައެވެ.