އައްޑޫސިޓީ ފޭދޫގެ ދެ މިސްކިތަކަށް ބަޔަކު ވަދެ އެތަންތަނުގެ ހުރުމަތް ކަނޑައި ހަޑިމުޑުދާރު އަމަލު ހިންގައިފިއެވެ.

ބަޔަކު ނުވަތަ މީހަކު ވަދެފައިވަނީ ފޭދޫގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމަށްވާ މަސްޖުދުލް އަމާނީ އާއި މަސްޖިދުއްނަސްރަށެވެ. ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ ރޭ ފަތިހު ކަމަށް ބެލެވޭ ކަމަށެވެ. މި ދެ މިސްކިތުގެ ތެރެއިން އަމާނީ އަށް ވަދެ މިހުރާބުގެއަށް ވަނީ ބޮޑުކަމު ގޮސްފައެވެ. އެތަނަށް ބޮޑު ކަމުގެ ދިއުމަށްފަހު އިމާމު ބޭނުން ކުރާ މުސައްލައިން ހަރުކޮށްހުރި ނަޖިސް ފޮހެ މުސައްލައިގައި ވެސް ވަނީ ނަޖީސް ހޭކިފައި ކަމަށް ސަލްމާ ވިދާޅުވިއެވެ.

މިކަން ފާހަގަވެފައިވަނީ ރޭ ފަތިސްނަމާދަށް އިމާމް މީހާ ދިއުމުންނެވެ. އިމާމަށް އެކަން ފާހަގަވުމުން ކަމާ ބެހޭފަރާތްތަަކުގެ ސަމާލުކަމަށް ވަނީ އެކަން ގެނެސްފައެވެ. އެ މިސްކިތުގައި ރޭ ފަތިސްނަމާދު ކޮށްފައިވަނީ މިސްކިތުގެ އެއްފަރާތެއްގައެވެ. މިސްކިތުން ނަޖިސް ފިލުގައި ސާފުކޮށްފައިވަނީ ފުލުހުންގޮސް އެތަން ބަލައި ފޮޓޯނެގުމަށްފަހު ހެނދުނު 6:20 އެހައިކަންހާއިރު ކަމަށް އެނގިފައިވެެއެވެ.

ސަލްމާ ވިދާޅުވީ މަސްޖިދުއްނަސްރަށް ވަދެފައިވަނީ ފައިވާނާ އެކުގައި ކަމަށެވެ. މިސްކިތަށްވަދެ އެތަނުގެ ހުރުމަތް ކަނޑައި މިިސްކިތުގައިހުރި ޚަތިމުތައް ވަނީ އެތަންމިތަނަށް އުކާލާފައި ކަމަށް ވެސް ސަލްމާ ވިދާޅުވިއެވެ.

މި މައްސަލައަކީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ، ދަށު ދަރަޖައިގެ ފިނޑި އަމަލެއްގެ ގޮތުގައި ސަލްމާ ވަނީ ސިފަކުރައްވާފައެވެ. އަދި މި މައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބެލުމަށް އައްޑޫ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ސަލްމާ ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން މިހާރުވަނީ 47 އަހަރުގެ މީހަކު ހައްޔަރު ކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރާ ހަވާލާދީ ބައެއް މީޑިއަމް ތަކުން ހާމަކޮށްފައިވާ ގޮތުގައި އެ އަމަލު ހިންގާފައިވަނީ ސިކުނޑި ހަމަނުޖެހޭ ބައެއް ކަމަށް ބެލެވޭ ކަމަށެވެ.