ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި އެވެ.
މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދުވަޑައިގެންނެވީ ކ. ގުރައިދޫއަށެވެ.
ޕީޕީއެމްގެ ބޮޑު މެޖޯރިޓީއެއް އޮންނަ މި ރަށަށް އެމަނިކުފާނު ވަޑައިގަތުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން އެމަނިކުފާނު އެރަށަށްވަޑައިގެން، އެރަށުގައި ކުުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭންގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ޖަލު ބަންދުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު ހުންނެވުމަށްފަހު މިނިވަންވެވަޑައިގެން އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި ތުލުސްދޫއަށް މާދަމާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ގުރައިދޫއަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ބޮޑު ޖަލްސާއެއް ނުބޭއްވި ނަމަވެސް މެމްބަރުންނާއި ބައްދަލުކޮށް، ހާލު އަހުވާލު އޮޅުންފިލުވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދަތުރުތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވާ ގޮތަށް ކުރިން އޮތީ ފ. ނިލަންދޫ އިންނެވެ. ނަމަވެސް ހަފްތާ ބަންދުގައި ފ. އަތޮޅުގެ މޫސުން ރަނގަޅު ވާނެ ކަމަށް ނުބެލެވޭތީ މާލެއާ ކައިރިން އަތޮޅު ތެރޭގެ ދަތުރުތައް ފެށުމަށް ނިންމީ ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.