މާލޭ ސަރަޙައްދުގައި ރޭގަނޑު 12 ޖަހަންދެން ބޭރުގައި އުޅެވޭނެހެން ކާފިއު ގަޑިތަކަށް ބަދަލުތަކެއް ގެނެސް އިތުރު ލުއިތަކެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ހުޅުމާލެ އާއި، ވިލިމާލޭގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން ހިމެނޭ ކަމަށެވެ.

އަދި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެއްވެސް ވަގުތެއްގައި އެއްހަފަރާ 15 މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްވެއުޅުން ހުއްޓާލުމާއި، މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރުން ހިމެނެއެވެ.

އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި އެއްގޮތަށް މާލޭ ސަރަހައްދުގައި ހިމެނޭ ޕާކުތަކާއި، މައިޒާންތަކާއި، ދާރުލް އާސާރުތަކާއި، އާއްމުން އެއްވެ އުޅޭ ތަންތަން ހުޅުވާލުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އަދި ގޭގައި މަސައްކަތްކުރާގޮތަށް އޮފީސްތަކުން ހަމަޖައްސާފައިވާ ހައި ރިސްކު ފަރަާތްތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޮފީސްތަކަށް ނުކުމެ މިހާރު މަސައްކަތް ކުރެވޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވަނީ ހާމަކުރައްވާފައެވެ.

މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.