މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއަރމަންގެ މަގާމަށް ކެޕްޓަން މުހައްމަދު ޝަރީފު (ސެންކޯ) ހަމަޖައްސައިފި އެވެ.

2005 އިން 2011 އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ސެންކޯ އެ މަގާމަށް ހަމަޖައްސާފައިވަނީ އިއްޔެ އެވެ.

އެމްޕީއެލްގެ ޗެއަރމަންގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އޭނާ ހުންނެވީ އެމްޕީއެލްގެ ބޯޑު ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ ފެބްރުއަރީ 6، 2012ގަ އެވެ.

ޝަރީފަކީ ބޯޓު ދަތުރުކުރުމުގެ ދާއިރާގައި 1986 އިން 2005އާ ހަމަޔަށް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ 2008 ވަނަ އަހަރު އެމްއެންއެސްއެލްގެ ޗެއަރމަންކަން ވެސް ކުރައްވާފަ އެވެ.

އޭނާއަކީ 1982 ވަނަ އަހަރުން ފެށިގެން ސެންކޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފައުންޑަރު އަދި ޗެއަރމަނެވެ.

ސެންކޯ ޝަރީފް ޗެއަރމަން ކަމަށް ހަމަޖެއްސެވީ އެ މަގާމުގައި ހުންނެވި މުހައްމަދު ޒަކީ (ނަޒާކީ) މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.