ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެއާލައިން ކަމަށްވާ ސިންގަޕޯ އެއަރލައިންސްގެ ދަތުރުތައް އަންނައަހަރުން ފެށިގެން ރާއްޖެއަށް އިތުރުކުރަން ނިންމައިފި އެވެ.

އެކަން ހާމަކޮށް އެ އެއަރލައިނުން ބުނީ މިހާރު ހަފުތާއަކު ކުރަނީ 7 ދަތުަރުނަމަވެސް އަންނަ އަހަރުން ފެށިގެން އެ އަދަދު ދިހަޔަކަށް އިތުރުކުރާނެ ކަމަށެވެ.

އެގޮތުން އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން އައު ތާވަލަށް ދަތުރުތައް ފެށުމަށް ނިންމާ، އެކަމުގެ ތައްޔާރީތައްވަމުން އަންނަކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާ އިރު، ވެކްސިނޭޓެޑް ޓްރެވެލް ލޭން ގެ ދަށުން މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ ދިވެހިން، ކަރަންޓީނުވުމަކާ ނުލައި ސިންގަޕޫރަށް ދެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

ކޮވިޑް-19 ޕެންޑެމިކްގެ ހާލަތުގައި މާލެއާއި ސިންގަޕޫރާ ދެމެދު ކުރާ ދަތުރުތައް މިދިޔަ އަހަރުގެ މާޗް މަހު ހުއްޓާލި އެވެ. ނަމަވެސް މި ޑިސެމްބަރު މަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް އަލުން ދަތުރުތައް ވަނީ ފަށާފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދޫކޮށްފައިވާ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ސްޓްފިކެޓް އޮންނަ ކޮންމެ ދިވެއްސަކަށް، ކަނޑައެޅިފައިވާ ވީޓީއެލް ފްލައިޓްތަކުން ކޮވިޑް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރެވެ އެވެ. މިދަތުރުތަކަށް ކޮވިޑް ޓެސްޓުކުރަން ޖެހެނީ ދަތުރަށް ފުރުމުގެ 48 ގަޑިއިރުގެ ކުރިންނެވެ.