ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އައު ކެންޑިޑޭޓެއް ކަމަށް އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް އިއުލާން ކޮށް ކެންޕޭން ކުރައްވަމުން ގެންދަވާ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއަމަކަށް ދެއްވި އިންޓަވިއުއެއްގައި ޢުމަރު ވިދާޅުވީ އެ އިންޚާބު ކާމިޔާބު ކުރައްވާނީ ކޮން ކެންޑިޑޭޓެއް ކަމެއް އަދި ލަފާކޮށްލަން ވެސް އެނގިވަޑައި ނުގަންވާ ކަމަށެވެ. އެއީ ރިޔާސީ އިންތިޚާބު އަދި އޮތީ ދުރުގައި ކަމަށްވެފައި އިންތިޚާބުގެ ރޭހަށް އިތުރު ކެންޑިޑޭޓުން ނުކުންނަވާނެތީ ކަމަށް ވިދާޅުވިއެވެ. އެހެނަސް އެމަނިކުފާނު މަސައްކަތް ކުރައްވަނީ އިންތިޚާބު ކާމިޔާބު ކުރައްވާނޭ ކެންޑިޑޭޓަކަށް އަމިއްލަ ފުޅަށް ވުމަށް ކަމަށް ވެސް ވިދާޅުވިއެވެ. އެކަމުގައި އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުން އިންތިހާއަށް ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ އިންޑިއާ މިލިޓަރީ ރާއްޖެއިން ފޮނުވާލުމާއި ރާއްޖޭގައި މަސްތުވާތެކެތި ކޮންޓްރޯލްކޮށް އެކަން ހައްލު ކުރަން ރައްޔިތުން ބޭނުންވާ ކަމަށްވާނަމަ އެ ކެންޑިޑޭޓަކީ ސީދާ އެމަނިކުފާނު ކަމަށެވެ. އެކަން ކުރަން ބޭނުންވާ ކަމަށް ވާނަމަ އެމަނިކުފާނު ވެރިކަމަށް އިންތިޚާބު ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ޢުމަރު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ގެންނަންވީ އިޚުލާސްތެރި ތެދުވެރި ވެރީން ކަމަށެވެ. ކަންކަން ނުވުމުގެ ސަބަބުން ބަދަލުކުރަންވީ ވެރިކަމުގެ ނިޒާމު ނޫން ކަމަށާއި ކޮންމެ ނިޒާމެއް އޮތަސް ވެރިކަމުގައި އިޚުލާސްތެރި ތެދުވެރި ކޮރަޕްޝަން ނުހިންގާ ވެރީން އިންތިޚާބު ކުރުމުން ހުރިހާ ކަމެއް ވެސް ދާނީ އެންމެ އެދެވޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.