އެސްޓީއޯ އިން އަންނައަހަރުގެ ކަލަންޑަރު ނެރެފި އެވެ.

އެކުންފުނިން ނެރުނު 2022 ވަނަ އަހަރުގެ ކަލަންޑަރު ޚާއްސަކޮށްފައިވަނީ ދިވެހި އަދަބީބަސް ދިރުވައި އާލާކުރުމުގެ މަގުސަދުގައި ދިވެހި ވަންތަ ތަސައްވުރަކާއެކުގަ އެވެ.

އާޓިފިޝަލް ބީޗުގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރެއްގައި އެ ކަލަންޑަރު ނެރެދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދެވެ.

ކޮންމެ އަހަރަކު ވެސް އެކުންފުނީގެ ޚާއްސަ ކަލަންޑަރެއް ނެރެމުން އަންނަ އިރު، އެސްޓީއޯ އިން ބުނީ މިއަހަރުގެ ކަލަންޑަރުގެ ގަނޑުތަކުން ޚިޔާލީ ދުނިޔެއަކަށް ފީނާލެވޭނެ ކަމަށެވެ.

ހަފުލާގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ, ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބަސްތައް ބޭނުންކުރާއިރު ވެސް އަދަބީ ބަސްތައް ބޭނުންކޮށް އުޅޭ ކަމަށެވެ. އަދި އެ ބަސްތަކަކީ ވަރަށް ގިނަ ބައެއްގެ ތަޖުރިބާތަކާއެކު އައިސްފައިވާ ބަސްތަކެއް ކަމަށް ވިދާޅުވި އެވެ.

"އަދަބީ ބަހަށް ހާއްސަކޮށްގެން އަންނަ އަހަރުގެ ކަލަންޑަރު ފަރުމާކުރަން އިސްކަމެއް ދިނީ ދިވެހިންގެ ތެޜޭގައި ބޭނުންކުރާ މިސާލު ބަހާއި ހަރުބަސްތަކަކީ ވަރަށް ޒަމާނުއްސުރެ އައިސްފައިވާ ބަސްތަކެއް ނަމަވެސް, ދުނިޔެ ބަދަލުވެ, ހިޔާލާއި އާ ކަންކަން އަންނަ އިރު, ހަރުބަހަކީވެސް އާ ވަމުން އަންނަ އެއްޗެއްގެ ގޮތުގައިވުން މުހިންމު ކަމަށް ދެކޭތީ." އަމްރު ވިދާޅުވި އެވެ.

އައު ހަރުބަސްތަކާއި މިސާލު ބަސްތައް އުފެއްދި އިތުރުވާންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.