ފައިޒާ ވެކްސިންގެ 100،620 ޑޯޒް ރާއްޖެއަށް ގެނެސްފި އެެވެ.

ޔުނިސެފް މޯލްޑިވްސް އިން ބުނީ މިއީ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ގެނައި އައު ޝިޕްމެންޓެއް ކަމަށެވެ.

ރާއްޖެއަށް މިއަދު ގެނެސްފައިވާ މި ޝިޕްމެންޓާއެކު ވެކްސިން ޖެހޭ އާބާދީއަށް ވެކްސިން ދެވޭނެ ކަމަށާއި ބޫސްޓަރ ޑޯޒް ޖަހަން ވެސް ބޭނުން ކުރެވޭނެ ކަމަށް ޔުނިސެފް މޯލްޑިވްސް އިން ބުނެފައި ވެއެވެ.

އެޗްޕީއޭއިން ބޫސްޓަރ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ޖަހަމުން ގެންދަނީ ފައިޒާ ވެކްސިނެވެ.

ވެކްސިން ފުރިހަމަކުރި މީހުންގެ ތެރެއިން ހަ މަސް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ބޫސްޓަރ ޑޯޒު ޖެހުމަށް ކުރިން ނިންމިނަމަވެސް މިހާރު ބޫސްޓަރ ޑޯޒް ޖަހަމުންދަނީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނާއި 50 އަހަރުން މަތީގެ މީހުންގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ.

ބޫސްޓަރ ޑޯޒް ޖަހަމުން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް، އޭޑީކޭ އަދި ދަމަނަވެށިން ނެވެ.