އެންލައިޓިން މައިންޑްފުލް ކޮމިއުނިޓީ (އީއެމްސީ)ގެ ނަމުގައި އެންޖީއޯ އެއް އިފްތިތާހުކޮށްފިއެވެ.

މި ޖަމިއްޔާ އިފްތިތާހުކޮށްދެއްވީ ޕޮލިޓެކްނިކްގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެލިއާ އިންވެސްޓްމެންޓްގެ ޖެނެރަލް މެނޭޖަރ އަހުމަދު ސައީދެވެ.

މި ޖަމިއްޔާގެ ކޯ ފައުންޑިންގ ރައީސް އައިމިނަތު ރީމާ ރަޝީދު ބުނީ މި ޖަމިއްޔާއަކީ ޒުވާނުން ބާރުވެރި ކުރުމާއި، ކުޑަކުދިންގެ ހައްގުތަކާއި، އަދި އަންހެނުން ބާރުވެރި ކުރުމުގެ ނިޔަތުގައި އުފެދުނު ޖަމިއްޔާއެއް ކަމަށެވެ.

މުޖުތަމައުގައި ފެންނަން ނުވާނެ ބައިވަރު ކަންކަން ފެންނަމުން އަންނަކަމަށާއި އެގޮތުން މުޖުތަމައުން ޒުވާނުން ދެކެނީ ކުށްތަކަށް އަރައިގަންނަމުން އަންނަ ބައެއްގެ ގޮތުގައި ކަމަށާއި، އަދި އަންހެނުންގެ ހައްގުތައް ހިމާޔާތް ކުރުމަށް އިތުރަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރީމާ ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އަލަށް ހުޅުވޭ މިފަދަ ޖަމިއްޔާތަކުގެ ސަބަބުން ޒުވާނުންނަށާއި ބިނާވަމުން އަންނަ ކުޑަ ކުދިންނަށް އެކަމުގެ ފައިދާ ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އީއެމްސީ އަކީ އަހުލާގާއި، މުޖުތަމައެއް ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ޖަމިއްޔާއެއް ކަމަށް އުންމީދު ކުރާ ކަމަށެވެ.