ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމާ ދެކޮޅުހަދާ އެންމެން އާޚިރުގައި ފޭލި ވާނޭ ކަމަށް ކުރީގެ ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު މިހެން ވިދާޅުވީ އިންޑިއާ އައުޓު ކޭންޕޭނަކީ ޖަރީމާއެއް ކަމަށް މޯލްޑިވްސް ނެޝަނަލްޕާޓީ (އެމްއެންޕީ) ގެ ލީޑަރު ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވުމުން އެއަށް ރައްދު ދެއްވަމުންނެވެ. ޢުމަރު ވިދާޅުވެފައިވަނީ " އިރާދަ ކުރެއްވިއްޔާ، ދިވެހިރާއްޖޭން އިންޑިޔާ ސިފައިން ބާލާނަން. އެކަމަށް ހުރަސް އަޅާ އެންމެން ފެއިލްވާނެ. ދިވެހިން އަޅުވެތި ކަމާ ދެކޮޅު،" ކަމަށެވެ.

އެމްއެންޕީން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ތާއިދު ކުރައްވާ ކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން އިސްވެ ހުންނަވައިގެން ޕީޕީއެމް/ޕީއެންސީ އިން ހިންގާ "އިންޑީއާ އައުޓު" ކެންޕޭނަކީ ވަކި މަގުސަދެއްގައި ހިންގާ ހަރަކާތެއް ކަމަށެވެ. އެހެން ކަމުން އެއީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އެ ކެންޕޭނުގެ ބޭނުމަކީ ރައީސް ޔާމީންގެ ސަރުކާރުން ހިނގާފައވ ޖަރީމާތައް ފޮރުވުން ކަމަށެވެ. އެހެންކަމުން އެއްވެސް އާންމު ރައްޔިތަކު އެ ކެންޕޭނުގައި ބައިވެރި ނުވުމަށް އޭނާ އެދިވަޑައިގެންނެވެ.

ޢުމަރު ނަސީރު ވިދާޅުވެފައިވަނީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާއި މަސްތުވާތަކެތީގެ މައްސަލަ ހިމެނޭ ކަމަށެވެ. މި ދެ މައްސަލައަށް ވެސް ހައްލެއް ގެނެވޭނީ އޭނާ ވެރިކަމަށް އިންތިޚާބުކޮށްގެން ކަމަށް ވިދާޅުވިއެވެ.