ކޮންޓެކްޓް ކުޅިވަރުތަކާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ހުޅުވައިލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ހޮނިހިރު ދުވަހުގެރޭ އެޗްޕީއޭއިން ލުއި ދިންއިރު، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ވަނީ ހުއްދަ ދީފައެވެ.

އެގޮތުން ވަކި އުސޫލުތަކެއްގެ ދަށުން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ކުޅިވަރުތަކާއިި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ވަނީ ހުޅުވާލާފައެވެ.

އަދި 15 މީހުންނަށް ވުރެ ގިނަ ނުވާގޮތަށް ކުޅިވަރު ބަލަންދެވޭ ގޮތަށްވެސް ވަނީ ހުއްދަ ދީފައެވެ. ކުޅިވަރު ބަލަންދާއިރު މާސްކް އަޅައި، އެހެން ގްރޫޕް ތަކާއި ދެމެދު ތިން ފޫޓުގެ ދުރުމިން ބެހެއްޓުމާއި، ބޭރަށް ނުކުންނައިރު ހޭންޑް ސެނިޓައިޒާ ގެންދިއުމަށްވެސް ވަނީ އަންގާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރީ މާޗު މަހުގެ 15 ވަނަ ދުވަހެވެ. އޭގެ ފަހުން މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހު ދަނޑުތައް ހުޅުވާލުމަށްފަހު އޮގަސްޓް މަހުގެ ކޮވިޑް-19 ފެތުރުން އިތުރުވުމާއެކުކުޅިވަރު ކުޅޭތަންތަން ބަންދު ކުރިއެވެ.