ރާއްޖޭގައިން އިންޑިއާ ސިފައިން ތިބުމަށް ތާއީދު ކުރުމަކީ ގައުމަށް ޣައްދާރުވުން ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ގުޅިގެން ހިންގާ "އިންޑިއާ އައުޓު" ކެންޕޭނަކީ ޖަރީމާއެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް މިއަދު ވިދާޅުވުމުންނެވެ. ނާޒިމް ވިދާޅުވީ އެއްވެސް ގައުމެއްގެ މިލިޓަރީ ރާއްޖޭގައި ތިބުމުން ބަލައި ނުގަނެވޭނޭ ކަމަށެވެ. އެހެނަސް އިންޑިއާ އައުޓު ކެންޕޭނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ޖަރީމާ ފޮރުވަން ކުރާކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެ ކެންޕޭނަށް ތާއިދު ނުކުރެވެނީ ޕީޕީއެމް/ޕީއެންސީގެ މަގުސަދު އެނގިވަޑައިގަންނަވާތީ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހީނާ ވިދާޅުވީ ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ޕީޕީއެމް/ޕީއެންސީ ތެދުވާނޭ ކަމަށާއި އިންޑިއާ އައުޓު ކެންޕޭން ވެސް ހުއްޓައެއް ނުލާނޭ ކަމަށެވެ.

"އިންޑިޔާގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމަށް ތާއީދު ކުރުމަކީ ގައުމަށް ޣައްދާރުވުން. މި ޕާޓީން އިންޑިޔާއައުޓް ކެމްޕެއިން ހުއްޓައެއް ނުލާނެ. މިނިވަންކަމުގެ ދިފާޢުގައި ތެދުވާނެ،" ހީނާ ވިދާޅުވިއެވެ.

ކުރީގެ ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ފާޅުގައި އޭނާއާއެކު ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު އިންޑިއާ މިލިޓަރީ ރާއްޖެއިން ފޮނުވާލުމަށް ރައީސް ޔާމީން މަސައްކަތް ކުރެއްވުމަކީ އޭނާގެ އެ މަސައްކަތަށް ވެސް ލިބުނު ވަރަށްބޮޑު ފަސޭހައެއް ކަމަށެވެ.