ކޮވިޑް-19ގައި ޙާލުދެރަވެގެން ކަނޑިންމަ ރިސޯޓުގެ މުވައްޒަފު ނިޔާވި މައްސަލަ ފުލުހުން ތަޙުޤީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމައްސަލަ ބަލަން ފަށާފައިވަނީ، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން އެމައްސަލަ ބަލައިދިނުމަށް އެދުމުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކަނޑިންމަ ރިސޯޓުގެ މުވައްޒަފު ނިޔާވި މައްސަލަ ތަޙުޤީގުކުރުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ފުލުހުންނަށް ހުށައަޅާފައިވަނީ މިމަހުގެ 5ވަނަ ދުވަހުއެވެ. ކަނޑިންމަ ރިސޯޓުގައި މަސައްކަތްކުރި އުމުރުން 60 އަހަރުގެ މިމީހާ ނިޔާވީ ހާލުބޮޑުވެގެން ދ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަފަހުން މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. އެމީހާ ކޯވިޑަށް ޕޮޒިޓިވްކަން އެންގިފައިވަނީ މަރުވުމުގެ ފަހުން ހެދި ޓެސްޓުންނެވެ.

އެކަން ތަޙުޤީގުކުރުމަށް އެޗްއީއޯސީގެ ޓީމެއް މިމަހުގެ 2ވަނަ ދުވަހު ރިސޯޓަށް ގޮސް ސެންޓަރުގެ ޓީމުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުންނަށް އެމައްސަލަ ހުށަހެޅިއެވެ. މިމައްސަލައާ ގުޅިގެން ހިންގަންޖެހޭ ތަޙުޤީގުތައް މިހާރު ފަށައިގެން ކުރިއަށްދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކަޑިންމަ ރިސޯޓު މޮނިޓަރިންގެ ޙާލަތަށް ގެނެސް، މިހާތަނަށް އެ ރިސޯޓުން 50އަށްވުރެ ގިނަ މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.