އީޕީއެސް ފައުންޑޭޝަންގެ ފަރާތުން އިސްނަގައިގެން ކުރައްވަނީ މުހިންމު މަސައްކަތެއް ކަމަށާއި އެކަމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އީޕީއެސް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ހޯމަދުވަހުގެރޭ ބޭއްވި "ޚިދުމަތުގެ ހަވީރު 2021" ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"އީޕީއެސް ފައުންޑޭޝަންގެ ފަރާތުން އިސްނަގައިގެން ތިޔަ ކުރައްވަނީ ވަރަށް މުހިންމު ކަމެއް. އީޕީއެސް ގެ ނަމާއި، އެ ކޮށްދިން ޚިދުމަތް ދާއިމަށް ދެމިގެންދާނެގޮތަކަށް އަޅުގަނޑުމެން އެ މަސައްކަތް ކުރަންޖެހޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިހުރީ އަޅުގަނޑަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ތިޔަބޭފުޅުންނާ އެކީގައި ކުރަން ތައްޔާރަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ، އެ ޤައުމެއްގެ ދަރިންނަށްދޭ ހަމައެކަނި ތަޢުލީމެއްގެ ސަބަބަކުންނެއް ނޫން ކަމަށެވެ. އޭގެ އިތުރުން ދެވޭ ތަޢުލީމަކާ އެކީގައި، ދެވޭ ތަރުބިއްޔަތަކާއި، ތަމްރީނުތަކެއްގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އީޕީއެސް އިން ކޮށްދިން ކަމަކީ އެއީ. ދެވުނު ތަޢުލީމާ އެކީގައި ދަރިވަރުން ތަރުބިއްޔަތުކުރި. ތަމްރީނުތައް ދިން. މުޅި މުޖުތަމަޢަށް ލޯ ހުޅުވާލަދިން. މިއަދު ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް، ކޮންމެ ދާއިރާއަކަށް ބަލައިލި ނަމަވެސް، މިކަމުގެ ޙަގީގަތް އެއޮތީ ސާފުކޮށް ފެންނަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި މަގްސދު ހާސިލު ކުރުމަށްޓަކައި އީޕީއެސް ގައި ކިޔަވައިދިނުމުގެ އިތުރަށް، އިތުރު އެތައް ކަންތައްތަކެއް ކޮށްދިން ކަމަށެވެ. ލިޓްރަރީ އެންޑް ކަލްޗަރަލް ސޮސައިޓީއާއި، މިނީ ޔޫ.އެން.އޯ.އާއި އަދި އަތޮޅުތައް ތަމްސީލުވާގޮތަށް ބޭއްވުނު ބައްދަލުވުންތަކާއި، ކެޑެޓާއި، ގާރލްގައިޑާއި، ސްކައުޓާ، މިހެންގޮސް އެތައް އެތައް އިތުރު ޙަރަކާތްތަކެއް، އެ ސްކޫލުގައި އޭރު ހިންގި ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދުގެ ނަމުންނަމަ، ވަށާޖެހޭ ތަޢުލީމު އޭރު އެއޮތީ އީޕީއެސްއިން ފެށިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.