ރާއްޖެ މިއޮތީ އިހެކޭ އެއްގޮތަށް އަނެއްކާވެސް އީޕީއެސްއަކަށް ބޭނުންވެފައި ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލި ހޯމަދުވަހުގެރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އީޕީއެސް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ހޯމަދުވަހުގެރޭ ބޭއްވި "ޚިދުމަތުގެ ހަވީރު 2021" ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފްލާގައި ރައީސް ވިދާޅުވީ 1960 ގެ އަހަރުތައް ނިމިގެންދިޔައިރުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރީ ގާތްގަނޑަކަށް 28 ސްކޫލް ކަމަށެވެ. އޭގެތެރޭގައި، ސަރުކާރުން އެހީވާ އެއްވެސް ސްކޫލެއް ނެތް ކަމަށް ވިދާޅުވިއެވެ. "މިއީ ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތައް ނިމި، ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކަށް ރާއްޖެ ކުރިމަތިލިއިރުގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމު އޮތް ޙާލަތު. ހަމައެކަނި ސަރުކާރުން ހިންގާ ސްކޫލްތަކެއްގެ ގޮތުގައި ހުރީ، މަޖީދިއްޔާ ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، އޭރުގެ ނަމުންނަމަ، ނާސިރިއްޔާ މޮންޓެސޫރީ ސްކޫލު،" ރައީސް ވިދާޅުވިއެވެ.

މި ހާލަތުގައި ތައުލީމު އޮވައްވައި ސަރުކާރުން ގެންނެވި ބަދަލަކީ، މާލޭގެ އަވަށްތަކުގައި ހިނގަމުންދިޔަ ސްކޫލްތައް އުވާލުން ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބުން މާލޭގައި ތަޢުލީމު ބޭނުންވެފައި ތިބި އެތައް ދަރިވަރުންނަކަށް، އެ ފުރުސަތު ގެއްލިގެންދިޔަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްސަކޮށް، ރަށްރަށުން ތައުލީމުގެ ބޭނުމުގައި މާލެ އަންނަ ކުދިންނަށް، އެއްވެސް ފުރުސަތެއް ނެތޭ ދެންނެވޭ ހިސާބަށް ތަޢުލީމީ ނިޒާމު އޮތީ އޭރު ހަނިކުރެވިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ޙާލެއްގައި ތަޢުލީމަށް ބޭނުންވެފައި ތިބި އެތައް ދަރިވަރުންނެއް ތިއްބައި، ޤައުމުދެކެ ލޯބިވާ، ރާއްޖޭގެ ތަޢުލީމަށް ލޯބި ކުރައްވާ ދަރިންތަކެއް ނުކުމެ، އީ.ޕީ.އެސް. ސްކޫލް، 1968 ވަނަ އަހަރު ވުޖޫދަށް ގެންނެވީ ކަމަށް ރައީސް ވިދާޅުވިއެވެ. "ގާތްގަނޑަކަށް އަށްޑިހަ ތިން ދަރިވަރުންނާއި، ތޭރަ ޓީޗަރުންނާ އެކުގައި މުޞްޠަފާ އަމިއްލަފުޅު ގޭގައި އެ ސްކޫލް ފެށްޓެވީ،" ރައީސް ވިދާޅުވިއެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަހުގެ ތެރޭގައި ފެށިގެން އައިއިރުގައި، އޭރުގެ ސަރުކާރުން އިންގްލިޝް މީޑިއަމަށް ކިޔަވައިދިނުމުގެ މަސައްކަތް ފެށްޓެވިއެވެ. އެއީ ވަރަށް ރަނގަޅު ހެޔޮ ބަދަލެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އިންގްލީޝް މީޑިއަމަށް ކިޔަވައިދެއްވަން ފެށްޓެވީ ސަރުކާރުގެ މަޖީދިއްޔާއާއި އަމީނިއްޔާއާއި، މޮންޓެސޫރީގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެކުރިން ޒަމާނީ ތަޢުލީމު ބޭނުންވާ ކަމަށްވަންޏާ ދާންޖެހެނީ ރާއްޖެއިން ބޭރަށެވެ. އެ ފުރުސަތު ލިބެނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި، ވަކި ޢާއިލާތަކެއްގެ ދަރިންނަށާއި، ނޫނީ ފުދުންތެރި ޢާއިލާތަކުގެ ދަރިވަރުންނަށް އެކަނި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، އޭރު ސަރުކާރުން އެ ގެނައި ބަދަލުގެ ސަބަބުން ރާއްޖޭގައި ތިބެ، އިންގްލިޝް މީޑިއަމަށް ޒަމާނީ ތަޢުލީމު ލިބުމުގެ ފުރުސަތު، ދަރިވަރުންތަކަކަށް ލިބިގެންދިޔަ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވާނީ، މިއަދު މި ރާއްޖެ މިއޮތީ އަނެއްކާވެސް އީޕީއެސް އަކަށް ބޭނުންވެފައޭ. އާދެ، އީޕީއެސް. އިން އުފެއްދި ދަރިވަރުންގެ ތެރޭގައި، ޕްރޮފެސަރުންނާއި، ޑޮކްޓަރުންނާއި، ސިފައިންނާއި، ފުލުހުންނާއި، ނަރުހުންނާއި، ކުޅިވަރު ކުޅޭ މީހުންނާއި، ޓީޗަރުންނާއި، ޅެންވެރިންނާއި، ތަމްސީލު ކުޅޭ މީހުންނާއި، ލަވަކިޔާ ފަރާތްތަކާއި، މިހެންގޮސް ހުރިހާ ދާއިރާއެއްގައި އަދި ނުވާތަނަކަށް ސިޔާސީ ދާއިރާގައިވެސް އެންމެ އުހުގައި އެބަތިބި މިއަދު އީޕީއެސް. އިން ތަޢުލީމު ޙާސިލުކޮށްގެން ނުކުންނެވި ދަރިވަރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވެސް މާލެ ވަޑައިގެން އެންމެ ފުރަތަމަ ކިޔަވަން ފެށްޓެެވީ އީޕީއެސް ގައެވެ. ފަހުން މަޖީދިއްޔާއަށް ބަދަލުވީއެވެ.