ރައްޔިތުންގެ މަޖިލީހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރައްވައިފިއެވެ.

ލިސްޓު އާންމު ކުރެއްވުމަށްފަހު ކޮމިޝަނުން ވަނީ ލިސްޓާ ބެހޭ ގޮތުން ޝަކުވާއެއް އޮތް ކަމަށްވާނަމަ އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވައިފައެވެ. މިއަދު އާންމުކުރި ވޯޓާސް ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓާއި، އީސީގެ ވެބްސައިޓާއި، ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ ކޮމަންޑޫ، ފޯކައިދޫ، މަރޮށީ ކައުންސިލުގެ އިދާރާއިން ޢާންމުކޮށް ފެންނަން ހުންނާނެކަމަށް އީސީން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމަވާފައިވަނީ ކޮމަންޑޫދާއިރާގެ ބައިއިލެކްޝަން އަންނަ އަހަރުގެ ފެބުރުއަރީ 5 ގައި ބޭއްވުމަށެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާފައިވަނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ ދެވަނަ ދުވަހުގެ މެންދުރުފަހު ދެ ގަޑި ސުންމިނިޓުގެ ނިޔަލަށެވެ. މި ލިސްޓަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ކޮމިޝަންގެ އީމެއިލް [email protected] އިންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބެން ހުންނާނެއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މި ބާއްވަނީ އެދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދެވި ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ކުރައްވަމުން ގެންދަވަނިކޮށް އަވަހާރަވުމާ ގުޅިގެން އެގޮނޑި ހުސްވުމުންނެވެ.

މި އިންތިޚާބުގައ ތިން ޕާޓީއަކުން ވާދަކުރައްވަން ވަނީ ނިންމާފައެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްއާއި އެމްއެންޕީ އެވެ.

މީގެ އިތުރުން އީސީން ވަނީ ހއ.ތަކަންދޫ އަދި ތ.ވިލުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ވެސް ޢާންމު ކުރައްވައިފައެވެ. މި އިލެކްޝަން ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުވަރީ ފަސްވަނަ ދުވަހުއެވެ. މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) އާއި، ހއ.ތަކަންދޫ އަދި ތ.ވިލުފުށީ ކައުންސިލުގެ އިދާރާއިން ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2021 ޑިސެންބަރު 22 ވާ ބުދަ ދުވަހުން ފެށިގެން 2022 ޖަނަވަރީ 02 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމުގައި އީީސީން ވިދާޅުވެފައިވެއެވެ. ޝަކުވާ ހުށަހަ ހެޅުމަށް ހަަމަޖެހިފައިވަނީ ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.