މި ފެށޭ ދެ ހާސް ބާވީސް ވަނަ އަހަރަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރެވެ. އެ އަހަރު ފާހަގަކުރެއްވުމުގެ ގޮތުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން "2022 :ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ، ސަރުކާރުގެ ހުރިހާ އިދާރާތަކުން ފޮނުއްވާ ރަސްމީ ސިޓީ ތަކާއި، އީ -މެއިލް ފުޓަރތަކުގައި އެއް އަހަރުގެ މުއްދަތަށް ބޭނުން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފި ކަމަށް ރައީސް އޮފީސް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވާ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން މި ލޯގޯ ޖެއްސެވުމަށްޓަކައި އެކަމާބެހޭ މަޢުލޫމާތު، ސަރުކާރުގެ އޮފީސްތަކަށް ދެއްވާނެއެވެ. އެ މަޢުލޫމާތު ލިބިވަޑައިގަތުމުން، ސަރުކާރުގެ އޮފީސްތަކުން ލޯގޯ ޖައްސަވަމުން ގެންދެވުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރު ކުރެއްވުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި، ރާއްޖެ އިޝްތިހާރު ކުރެއްވުމަށް، އިނގިރޭސިބަހުން ޝިޢާރު ލިޔެފައިވާ ލޯގޯ ބޭނުން ކުރެއްވުމަށް ވެސް ވަނީ އަންގަވާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް އައި ހީނަރުކަމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށްވުމަށްފަހު މިހާރުވަނީ ވަރަށްބޮޑަށް ރަނގަޅުވެފައެވެ.