ރައީސް އަބްދުﷲ ޔާމީން ކެމްޕެއިންކުރައްވާނެ ގޮތް ރައީސް ނަޝީދާއި ފުލުހުންނަކަށް ނޭނގޭނޭ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ އިންޑިއާ އައުޓް ޖަހައިފައިވާ ޓީޝާޓެއް ތުރުކުރައްވައގެން ރައސް ޔާމީން "އިންޑިއާ އައުޓު" ކެމްޕޭން ކުރިއަށް ގެންދަވާތީ އެކަމަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވުމުންނެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް އެހެން ގައުމަކާ ދެކޮޅު ހަރަކާތެއް ނުހިންގޭނޭ ކަމަށެވެ. އެއީ ހުތުރު ކަމެއް ކަމަށާއި އެކަމުގެ އުނދަގޫ ޕީޕީއެމް މެމްބަރުން މިހާރު އިހުސާސް ކުރަމުން ގެންދާ ކަމަށެވެ.
ރައީސް ޔާމީން ވަނީ އިންޑިއާ އައުޓު ކެމްޕޭން ރަށްރަށަށް ފުޅާ ކުރައްވައިފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިންޑިއާ އައުޓު ކެމްޕޭނަކީ ރާއްޖޭގެ މަސްލަހަތާ ގުޅުންހުރި ކަމެއް ކަމަށެވެ. އެހެން ކަމުން ފުލުހުން އެކަން ހުއްޓުވަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވެފައިވަނީ "އުނދަގޫވެގެން އަރިމަތީގާ/ފުރަގަހުގަ އިންޑިއާ އައުޓް ޖަހަން ނަޝީދު ލަފާދޭނެ ކަމެއް ނެތް. އަދި ތަޅާނެ ކުދިންކޮޅެއް ހޯދަން އުޅޭގޮތަށް ފުލުހުންނަށް މިއަދު ނަޝީދު އަމުރުކުރުން ހުއްޓާލަންޖެހޭ،" ކަމަށެވެ.
މި ކެމްޕޭން ކުރިއަށް ގެންދާތީ މަޖިލިސް މެމްބަރު ފަލާހު ވިދާޅުވެފައިވަނީ އެކަން ހުއޓުވަން އެކަންކުރާ މީހުންގެ ކަންފަތް މަތީ ޖަހަން ޖެހޭ ކަމަށެވެ. އެކަމަށް ވެސް ޑރ. ޖަމީލް ވަނީ ރައްދު ދެއްވައިފައެވެ. "ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުން ހައްގާ ކުރިމަތިލާން ނުކުޅެދުނީމާ އަނިޔާކުރަން ގޮވާލައި ރޭވި. ނަފްރަތު އުފެއްދުމުގެ ނަތީޖާއަކީ ނަފްސަށް ގެއްލުން ދިނުން ފަދަ ޖަރީމާ މާޒީގައި ހިންގުން. އެމްޑީޕީގެ މެމްބަރުން މާރާމާރީ ހިންގަން ގޮވާލި މައްސަލަ ތަހްގީގުކުރަން ޕޮލިހަށް ލާޒިމް،" ކަމަށެވެ.