ސިޔާސީ ޙަރަކާތްތައް ހިންގުމަށް އޮތް ހުރަސްތަކާއި ސިޔާސީ ޕާޓީތަކަށް އިލެކްޝަން ކޮމިޝަނުން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވާކަމަށް ބުނާ މައްސަލާގައި އިދިކޮޅުފަރާތްތަކުން އިލެކްޝަން ކޮމިޝަނާ ބައްދަލު ކޮށްފިއެވެ.

އެބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ ޤާނޫނީގޮތުން ސިޔާސީ ޕާޓީތަކަށް ލިބިދޭން ކަނޑައަޅާފައިވާ ފައިސާ އިލެކްޝަން ކޮމިޝަނުން މިއަހަރުގެ މިހާތަނަށް އެޕާޓީއަށް ދީފައި ނުވާކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ހަރަކާތްތައް ހިންގުމަށާއި، ޕާޓީން އިންތިޒާމުކުރާ ކަންކަން ކުރުމަށް ދަތިތަކެއް ހުރިކަމަށާ މިފައިސާ އަވަހަށް ލިބޭނެ ގޮތެއް ހަމަޖައްސައި ދެއްވުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.

އަދި ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައި އޮތްއިރު ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ނެތްކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުލްރަހީމް ބުނީ އިދިކޮޅު ކޯލިޝަނަށް ކެންޕެއިން ކުރުމުގެ އެއްވެސް ފުރުސަތެއް ނެތްކަމަށާ ނަމަވެސްސަރުކާރުން އެކި އިވެންޓްތައް ބޭއްވުމުގެ ނަމުގައި އަތޮޅުތެރެއަށް ދަތުރުކޮށް ކެންޕެއިން ހަަރަކާތްތައް ހިންގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.