ބަންގްލަދޭޝް އިން ރާއްޖެ ވަމުންދާ އެހީތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރުއަދާކުރައްވައިފިއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިން ހަސީނާއާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ދީނާއި ސަގާފީ އުސޫލުތަކުގެ މައްޗަށް ކަމަށެވެ. އަދި މިއަހަރަކީ ދެގައުމުގެ ގުޅުމަށް ފާހަގަކޮށްލެވޭ އަހަރެއްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން ރައީސް ސޯލިހް ވަނީ ކޮވިޑް-19ގެ ތެރޭގައި ބަންގްލަދޭޝުން ރާއްޖެއަށް ކާނާއި ބޭސް އަދި ސިއްހީ ސާމާނު ފޯރުކޮށްދިން ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.
މީގެއިތުރުންވެސް މަތީ ތައުލީމުގެ ދާއިރިން އަދި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާއިން މީހުން ތަމްރީން ކުރުމުގައި ބަންގްލަދޭޝުން ލިބޭ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރެއްވިއެވެ.
ދެޤައުމުގެ ދެމެދުގައި ކުރިއަށްދިޔަ ރަސްމީ މަޝްވަރާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އެންމެ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ދެ ގައުމުންވެސް ފާހަގަކޮށް މަޝްވަރާކުރެވުނީ ކޮވިޑް-19ގެ މި ދަތި ހާލަތުގައި ވެކްސިން ހަމަހަމަކަމާއެކު ފޯރުކޮށްދީ އެކަން ފުރިހަމަކުރުމާ ގުޅޭގޮތުން ކަމަށެވެ. އަދި ރާއްޖޭގައި އުޅޭ ބަންގުލަދޭޝްގެ މަސައްކަތް ކުރާ މީހުން ގަވާއިދަށް ފެއްތުމަށް މުހިންމު މަޝްވަރާތަކެއް ކުރެއްވުނުކަންވެސް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.
މިމަޝްވަރާތަކުގައި ދެގައުމުން ގުޅިގެން މޫސުމީ ބަދަލުތަކާ ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ދެގައުމު ގުޅިގެން މިކަމުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނުކަންވެސް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހްގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ ބަންގްލަދޭޝުން ރޮހިންގާ މުސްލިމުންނަށް ހައްގު ހޯދައިދިނުމަށް ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް، އެކަމުގައި ދިވެހި ސަރުކާރުގެ އެއްބާރުލުން ލިބޭނެކަންވެސް ފާހަގަކުރައްވާފައެވެ.