ގިނަ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލަރސް ލޯނަށް އެދެވޭގޮތަށް ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލްއިން ބުނީ ކޯވިޑް19އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް ރީޓެއިލަރސް ލޯނުގެ ޝަރުތުތަކަށް ގެނައި ބަދަލުތަކާއިއެކު މަހެއްގެ މައްޗަށް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރިތަކުން ހޯދަންޖެހޭ އާމްދަނީ ވަނީ 50000 ރުފިޔާއިން 30000 ރުފިޔާއަށް ދަށްކޮށްފައި ކަމަށެވެ. މި ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގިނަ ވިޔަފާރިތަކަކަށް މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ލޯނުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިތަކުން ވޭތުވެދިޔަ 12 މަސްދުވަހު މެދުކެނޑުމެއް ނެތި ޕީއޯއެސް އިން ވިޔަފާރީގެ މުއާމަލާތް ހިންގުން ހިމެނެއެވެ.

ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން މިއަދު ބީއެމްއެލްއިން ގެނައި ބަދަލުތަކުގެ ތެރޭގައި ވޭތުވެދިޔަ 6 މަސްދުވަހުގެ އެވްރެޖްގެ ގޮތުގައި ކަނޑައެޅިފައިވާ 30000 ރުފިޔާ ހަމަކުރުމުގައި ވިޔަފާރިތަކަށް އެންމެ ބޮޑު ނޭދެވޭ އަސަރުކޮށްފައިވާ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ނުހިމަނާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރީޓެއިލަރސް ލޯނަކީ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ފައިސާ އާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރެވޭ ލޯނެކެވެ.