ކުޅިވަރުގެ ޤާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތައް ބަލައިގަތުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.

ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކާ ގުޅޭގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތައް ބަލައިގަތުމަށް ފެނޭތޯ ކުރެވުނު ބަހުސްގައި ގިނަ އެސޯސިއޭޝަންތަކެއްގެ ކަންބޮޑުވުން އޮތް އިސްލާހާ މެދު މެންބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އިސްލާހުތައް ބަލައިގަނެ ގެންނަން ޖެހޭ ބަދަލުތައް ގެނައުން ރަނގަޅު ކަމަށާއި، ކުޅިވަރު ޤާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށްވެސް ގިނަ މެންބަރުން އެއްބަސްވިއެވެ.