ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، ތަހުގީގު ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 35 އަހަރު ފުރިފައިވާ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ކޮމެޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ނޮވެންބަރު 17 ވަނަ ދުވަހުގެ 12:30 އާ ހަމައަށެވެ

އަދި ސިޔާސީ މަގާމެއް އަދާނުކުރުގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއެކު އެފަރާތަކީ ގާނޫނީ ވަކީލެއްނަމަ، ކޮމިޓީގައި މަސައްކަތްކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލަ ރައްދުވާ ފަނޑިޔާރު މަސައްކަތްކުރާ ކޯޓުގައި ވަކާލާތު ކުރުމަކީ މަނާކަމެއް ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ކުރީގައި ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި، ތަޙްޤީޤު ތަހުގީގު އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.