އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސް ކުރައްވައިފިއެވެ.
މި މައްސަލާގައި އެ ކޮމިޓީން މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި މެންބަރުން ވަކިކުރުމަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަޙުމަދެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙުމަދު ހަލީމް (ދޮންބިލެތް) އެވެ.
މި ބައްދަލުވުމުގައި 8 މެމްބަރަކު ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެތެރެއިން ފަސް މެމްބަރަކު ވޯޓު ދެއްވީ މެމްބަރުން ވަކީ ކުރުމާ އެއްކޮޅަށެވެ. މި ބައްދަލުވުމުގެ ކުރީން އޭސީސީގެ މެމްބަރުންނަށް ވަނީ ޖަވާބުދާރީވުމަށް ފުރުސަތު ދެއްވައިފައެވެ. އެހެނަސް އެމީހުންވަނީ ޖަވާބު ދެއްވައިފައެވެ. އެކަމަކު މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ބުނެފައިވަނީ އެމީހުން ޖަވާބުދާރީ ވެފައިވަނީ ދެއްވި މުހުލަތަށްވުރެ ފަހުން ކަމަށެވެ.
މެމްބަރުން ވަކި ކުރުމުގެ ވާހަކަތައް މަޖިލީހުގައި ދައްކަވަށް ފެށްޓެވުމުން އޭސީސީގެ އިބްރާހީމް ޝަކީލާއި އަލީ އަޝްރަފް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭސީސީގައި ޖުމްލަ ތިއްބަވަނީ 5 މެމްބަރުންނެވެ. މިވަގުތު އޭސީސީގެ މެމްބަރުންގެ ގޮތުގައި ތިބީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އައިޝަތު އަބްދުﷲ އެވެ.
މެމްބަރުން ވަކުރަން ކޮމިޓީން ފާސްކުރެއްވިޔަސް މެމްބަރުން ވަކިވާނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އައްސަވައިގެންނެވެ. އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ، ކޮމިޝަނާ ގުޅޭ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހުއެވެ.