މިއަދަކީ ދިވެހި ރާއްޖޭގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެވެ. މި ދުވަސް އަޅުގަނޑުމެން ފާހަގަ މި ކުރަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިދިޔަ ވަރަށް ހިތާމަވެރި އަދި ބިރުވެރި ހާދިސާއެއް ކަމަށްވާ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ރައްޔިތުން ދެއްކެވި އަޚުވަންތަ ކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުންނެވެ.
ސުނާމީ ކާރިސާގެ ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކެވީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަކަމެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.
އެޕާޓީން މިހެން ބުނެފައިވަނީ "ދިވެހި ރާއްޖޭގެ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް" ގައި ނެރުނު ބަޔާނެއްގައެވެ. އެއްބައިވަންތަކަމުގެ ދުވަހަކީ އެ ދުވަހު މިދުނިޔެ އާއި ވަކިވެ ދިޔަ ދިވެހީންގެ ޒިކުރާ އާކުރުމުގެ ގޮތުންނާއި އެ ދުވަހު ދިވެހީން ދެއްކެވި އެއްބައިވަންތަކަމުން ޢިބްރަތް ލިބިގަތުމަށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
"މި ފަދަ ދުވަހެއް ފާހަގަ ކުރާއިރު ސުނާމީ ކާރިސާގައި ދިވެހިރައްޔިތުން ދެއްކެވި މަތިވެރި ޤައުމީ ރޫޙުގެ ހަނދާން އާކޮށް، އެއިން އަޅުގަނޑުމެން ޢިބްރަތް ލިބިގަންނަން ޖެހެއެވެ. އެ ދުވަހު ދިވެހި ރައްޔިތުން އިސްކުރައްވާފައިވަނީ ޤައުމީ މަސްލަޙަތާއި ޤައުމީ އެއްބައިވަންތަކަމެވެ. ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެގޮތުން، ކޮވިޑް-19 ގެ ހާލަތުގައިވެސް ސަރުކާރާއެކު ދިވެހި ރައްޔިތުން ދައްކުވައިދެއްވާފައިވަނީ ޤައުމީ އެއްބައިވަންތަކަމެވެ. އަދި ކޯވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިފައި މިވަނީ އެއްބައިވަންތަކާމާއެކު، އަޅުގަނޑުމެން ސަމާލުވެ ތިބެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދޫކޮށްނުލާތީއެވެ." އެބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ސުނާމީގެ ކާރިސާ އަކީ الله ކުރިމަތި ކުރެއްވި ވަރަށް ވަރުގަދަ އިމްތިޙާނެއް ކަމަށެވެ. އެ އިމްތިޙާނުން ޙާޞިލްވި އެންމެ މަތިވެރި އިބުރަތަކީ ޤައުމީ އެއްބައިވަންތަކަމުގެ މުހިންމުކަން ކަމަށް ވެސް އެބަޔާބުގައި ވެއެވެ. އޭގެ އިތުރުން ޤައުމަށް ދިމާވާ ބޮޑެތި ކަންތައް ތަކުގައި ސިޔާސީ ފިކުރު ތަކާއި ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ކަމަށް ވެސް ބުނެފައިވެއެވެ.