ސުނާމީ ކާރިސާއަކީ އަވަށްޓެރި ޤައުމުތަކާއިއެކު އޮތް ގުޅުމާއި، އެ ގުޅުން ހީނަރު ވިޔަނުދީ ދެމެހެއްޓުމުގެ މުހިއްމުކަން ހާމަވެގެންދިޔަ ގިނަ ފަހަރުތަކުގެ ތެރެއިން އެއް ފަހަރު ކަމަށް މޯލްޑިވްސް ރިފޯމް މޫވަމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެއްބައިވަންތަ ކަމުގެ ދުވަހާގުޅިގެން އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ޤައުމުތަކާއިމެދު ނަފުރަތު އުފައްދައި އެ ޤައުމުތަކާއި އެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް" ގޮވާލާ ކަމަށެވެ.

އަވައްޓެރި ޤައުމުތަކުގެ ރައްޔިތުންނަށް، ޚާއްސަކޮށް ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ހިއްސާދާރުންތަކެއް ކަމަށްވާ ބިދޭސީ މަސައްކަތްތެރިންނަށް އިޙުތިރާމްކޮށް، އިސްލާމްދީން ދަސްކޮށްދީފައިވާ ރިވެތި އުޞޫލުތަކުގެ ތެރެއިން، އަޚުވަންތަކަމާއި އޯގާތެރިކަމާއިއެކު އެ މީހުންނާއިމެދު އަމަލުތައް ބެހެއްޓުމަށްވެސް އެޕާޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ސުނާމީ ކާރިސާ ފަދަ ކޮންމެ ދަނޑިވަޅެއްގައި، ފަސްޖެހުމެއްނެތި އަވައްޓެރި ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ މުޖުތަމައުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ބަލައިގަނެ، އެޕާޓީން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ.

ސުނާމީގެ ކާރިސާގައި މިދުނިޔެ ދޫކުރި ދިވެހީންނާއި ގެއްލުނު ދިވެހީންގެ ޖުމްލަ ޢަދަދު 108 އަށް އަރައެވެ. އެދުވަހު އެ ހިތާމަވެރި ކާރިސާ ގައި ވަކިވެގެން ދިޔަ އަޚުންނާއި އުޚުތުންގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތް ﷲ ހަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް ވެސް އެމްއާރުއެމްއިން ބުނެފައިވެއެވެ.