އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިޔަން ޑޮލަރު ހަވާލުކުރުމުގެ އެގްރީމެންޓުގައި ސޮއިކުރަން ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ދަތުރުފުޅާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުގައި، މި ފައިސާ ބޭނުންކުރެވިގެން ދާނީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ މަޝްރޫއު ފައިނޭންސް ކުރުމަށެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ދަތުރުފުޅާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ވިދާޅުވީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫއަށް ޚަރަދުކުރުމުގެ ބައެއްގެ ކަމުގައިވާ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއިއެކު ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ސޮއިކުރާނެކަމަށެވެ.

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 67 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ވެގެންދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓް އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ލައިފްލައިން ކަމުގައި ސަރުކާރުން ވިދާޅުވެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރާއްޖޭގެ 67 ރަށެއްގައި ގާއިމްކުރެވޭ ކުޑަކުދިންގެ ޕާކަށް ބޭނުންވާ އިކުއިޕްމެންޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިންނަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ބުނެއެވެ

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ، މި މަހުގެ 8 އިން 10އަށް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓަރ އޮފް ޑިފެންސް އަދި މިނިސްޓަރ އޮފް ޓޫރިޒަމްއާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.