ވަކި އޮފީހަކުން ތަންފީޒު ކުރުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތެއް ނުވަތަ ކުރަން ނިންމާ ކަމެއް އެގޮތަކަށް ތަންފީޒުނުކުރެވުމުން ފެއިލްވަނީ މުޅި އޮފީސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އެބޭފުޅުން މަގާމުތަކުގައި ތިއްބެވީ ރައްޔިތުން ހަވާލުކޮށްފައިވާ ވަރަށް މުހިންމު މައްސޫލިޔަތެއް އަދާކުރުމަށް ކަމަށެވެ.

"މިއަދު ބޭނުންވަނީ މި ދެންނެވި މަސްއޫލިއްޔަތު އަޅުގަނޑުމެންނަށް އަދާކުރެވުނީ ކިހާވަރަކަށްތޯ ބަލައިލަން. އަޅުގަނޑުމެން މިއުޅެނީ އެ މަސްއޫލިއްޔަތުގެ ދަށުން އިތުރަށް ރަނގަޅު ކުރަންހުރި ކަންކަން ދެނެގަނެ އެކަންކަން ފުރިހަމަކުރަން."

ސިޔާސީ މަޤާމެއްގައި ހުރުމަކީ، ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް، އެއްވެސް ބޭފުޅަކު ދެކިވަޑައިނުގަންނަވާނެކަން ޔަގީން ކުރައްވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކޯވިޑް-19ގެ ފުރަބަންދަށްފަހު، ސަރުކާރު އަލުން ހުޅުވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް މިދެނީ، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އޮފީސްތަކުގެ ޙާލަތު ދެނެގަތުމަށް ކަމަށެވެ.

ޙާޞިލުކުރަން ބޭނުންވާ ނަތީޖާއާ ހަމައަށް ވާޞިލުވެވޭނެ އެންމެ ފަސޭހަ އަދި އެންމެ ކުރު މަގަކީ ކޮބައިތޯ ދެނެގަނެ، ސަރުކާރުގެ ސިޔާސަތުތައް ވީހާ އަވަހަކަށް އަދި ފަސޭހައިން ތަންފީޒު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ސިވިލް ސަރވިސް މުވައްޒަފުން މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރައްވައިގެންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވީ، ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ އަސާސީ އަދި އިޖުތިމާޢީ ޚިދުމަތްތަކެއް، ވަކި މުއްދަތުތަކެއްގައި ފުރިހަމަކޮށްދޭން ވަޢުދުވެގެން. އަޅުގަނޑުމެންގެ ހަނދާނުން އެކަން ފޮހެވިގެން ނުވާނެ."

ޤައުމީ ތަރައްޤީއާ ގުޅިފައިވާ މަޝްރޫއުތައް މިހާރުވެސް ކުރިއަށް ގެންދާކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މިއީ ހަމައެކަނި ސިޔާސަތެއް ކަނޑައަޅައިގެން ހާސިލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.

މި ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެ ކުރީ ސަފުގައި ތިއްބެވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، ސިޔާސީ މީހުންނަކީ، ހަމައެކަނި ކަންކަމުގައި ބަސްކިޔައި، ގޮތެއް ނިންމަން ތިބޭ ބައެއް ނޫން ކަމަށާއި، ޢަމަލީގޮތުން ކަންކަން ކުރުމަކީ ސިޔާސީ މީހުންގެ އެންމެ އިސް މަސްއޫލިޔަތު ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެހީތެރިވެދޭން ތިބޭ ބަޔަކީ، ސިވިލް ސަރވިސްގެ މުވައްޒަފުން. އެ މުވައްޒަފުންގެ ހަކަތަ އިތުރުވާނީ، ތިޔަބޭފުޅުންގެ [ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ] ޙަރަކާތް އިތުރުކުރިވަރަކުން. ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ނުވުމުން، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ، އެ އޮފީހެއްގައި ތިބޭ ސިވިލް ސަރވިސް މުވައްޒަފުން އެކަންޏެއް ނޫން. ވަކި އޮފީހަކުން ތަންފީޒު ކުރުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތެއް ނުވަތަ ކުރަން ނިންމާ ކަމެއް އެގޮތަކަށް ތަންފީޒުނުވީމާ، އެ ފެއިލްވަނީ އެ އޮފީހުގެ ސިވިލް ސަރވިސް މުވައްޒަފުންނެއް ނޫން. އެ ފެއިލްވަނީ މުޅި އޮފީސް. ސަބަބަކީ، އޮފީސް ހިންގަނީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި، ސިވިލް ސަރވަންޓުން ގުޅިގެން ކަމަށްވާތީ." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނީ، އިންސާނީ ވަސީލަތް ތަރައްޤީކޮށްގެން ކަމަށާއި، މިއަދު މި ފަށާ ޕްރޮގްރާމުގެ ނަތީޖާއަކަށްވާނީ، ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެގެންދިއުން ކަމަށެވެ.

އޮފީސްތަކުގައި ތިއްބެވި ސިވިލް ސަރވިސް މުވައްޒަފުންނަކީ، އެތައް އަހަރެއްގެ ތަޖުރިބާއާއި ތަމްރީން ލިބިވަޑައިގެން ތިއްބެވި ބޭފުޅުންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެބޭފުޅުންގެ ޢިލްމީ ޤާބިލުކަމާއި ތަޖުރިބާގެ އެންމެ އެދެވޭ ނަތީޖާ ޙާޞިލުކުރެވޭނީ، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ކިބައިގައި، އެ ނަތީޖާ ނެރުމުގެ ޤާބިލުކަން ހުރެގެން ކަމަށެވެ.