ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލް މަރްޙޫމް ޢުމަރު ޒާހިރުގެ ހަނދާނުގައި ނެޝަނަލް އަރޓް ގެލެރީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު މެންދުރުފަހު ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްޙޫމް ޢުމަރު ޒާހިރަކީ 49 އަހަރަށްވުރެ ގިނަ ދުވަހު، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، މަސައްކަތުގައި ވަރަށް އިޚްލާސްތެރި އަދި ދައުލަތައް ވަރަށް ވަފާތެރި ޚިދުމަތްތެރިއެއްގެ ގޮތުގައި ބަޔާންކުރައްވާފައެވެ.

އަދި އެމަނިކުފާނު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއެކު، ދިވެހިންނަށް ގެއްލިގެން އެދިޔައީ މިއަދުގެ ޖީލަށް ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެއްކަމަށާއި، މުވައްޒަފުންނާމެދު އޯގާތެރިކަމާއި ލޯތްބާއި އެކު މުޢާމަލާތްކުރެއްވި ގާތް އެކުވެރިއެއްކަމުގައި ރައީސް ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ވެސް ރައީސް ލިޔުއްވާފައިވާގޮތުގައި އަލް މަރްޙޫމް ޢުމަރު ޒާހިރު ވަނީ މާ ގިނަ ވަޞީލަތްތަކާއި ލުއި ފަސޭހަތައް ނެތް ދުވަސްވަރެއްގައި ސަރުކާރުން ހިންގި ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކީ ފުރިހަމަ ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި އަލް މަރްޙޫމް ޢުމަރު ޒާހިރުގެ ޙިއްޞާ ބޮޑުކަމުގައި ހާމަކުރައްވާފައިވެއެވެ.

ޢުމަރު ޒާހިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.