މާފުށި ކައިރިން ތަރައްގީ ކޮށްފައިވާ ޕިކްނިކް އައިލެންޑުގެ މަސައްކަތް ނިންމާ އެ ރަށް ހަވާލު ކުރުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކ. މާފުއްޓަށް މިއަދު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ އެ ރަށް މިއަދު މާފުށި ކައުންސިލާ ހަވާލު ކުރެވިގެން ދާނެ ކަމަށެވެ. އަދި އެ ދަތުރުފުޅުގައި ރައީސް ސޯލިހު މާފުށި ކައުންސިލާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އާޓިފިޝަލް ރަށެއްގެ ގޮތުގައި ހަދާ ކ.މާފުށީ ޕިކްނިކް އައިލެންޑަކީ ރަށް ކައިރި ފަޅުތެރެއިން ދެ ހެލްޓަރުގެ ބިން ހިއްކައިގެން ތަރައްގީ ކޮށްފައިވާ ރަށެކެވެ. އެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

އެ މަޝްރޫއު އަށް ގާތްގަނޑަކަށް 10.8 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.