ރަށްރަށުގެ ބިންތައް ބޭނުން ކުރުމުގައި ރައްޔިތުންނަށް އެންމެ ފައިދާކުރާގޮތަށާއި މާލީ ފުދުންތެރިކަން އިތުރުވާގޮތަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކައުންސިލްތަކަށް ގޮވާލައްވައިއެވެ.
ރައީސް މިހެން ވިދާޅުވީ ކ. މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް އެރަށު ކައުންސިލާ ޙަވާލުކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކައުންސިލްތަކަށް މިހާރުވަނީ ބޮޑެތި ބާރުތަކެއް ވެސް ދެއްވާފައި ކަމަށެވެ.
ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާއެކު، ހިންގުމުގެ ބާރާއި މާލީ ފުދުންތެރިކަމުގެ ބާރާއި ފައިސާ ހޯދުމުގެ ބާރުވެސް ކައުންސިލްތަކަށް ދޫކޮށްލެވިފައިވާކަމަށް ވިދާޅުވިއެވެ.
މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑުގެ ބޭނުން ކުރުމުގައި ހަދާ ލޭންޑް ޔޫޒް ޕްލޭނަށް މާފުށީ ރައްޔިތުންގެ ލަފާ ހޯދައި އެ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެގޮތަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެރަށު ކައުންސިލުގައި އެދިވަޑައިގެންނެވިއެވެ.
އެ ރަށަށް އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެވީތީ އެކަމަށްޓަކައި އެމް.ޓީ.ސީ.ސީގެ އެންމެހާ ހީވާގި މުވައްޒަފުންނަށާއި އެ ކުންފުނީގެ އިސްވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެކަމަށްޓަކައި ރައީސް ޝުކުރުއަދާކުރެއްވިއެވެ. އަދި އެމްޓީސީސީގެ ދުވެލި މިހާރު ހުރިގޮތުން ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްގެން ހިންގާ މަޝްރޫޢޫތަކާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތަައް ފުއްދޭނެކަމާމެދު ޝައްކެއް ނެތްކަމުގައި ވެސް ވިދާޅުވިއެވެ.
ރިޔާސީއިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މާފުށްޓަށް ވަޑައިގަތުމުން އެދުވަހު އަޑު އިވިވަޑައިގަތީ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ ޝަކުވާ ކަމަށާއި އަދި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ ބިން އިތުރުކުރުމަށް ކަމުގައި ރައިސް ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވި ފަދައިން ލޯކަލް ޓޫރިޒަމަށް ބޭނުންވާ ބިން މިއަދު އިތުރުކުރެވިފައިވާކަން އެ މަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ. އެގޮތުން އެ މަސައްކަތުގައި، މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިމާ އަދި ޕިކްނިކް އައިލެންޑުގެ މަސައްކަތަށް ސަރުކާރުން 128 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާ ކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކ. މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކުރައްވާފައެވެ. އަދި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ބައްލަވާލައްވާ، އެ ބިން ފެހިކުރުމަށް ބޭއްވި ގަސް އިންދުމުގެ ރަސްމިއްޔާތުގައި ރުކެއް އިންދަވައިދެއްވާފައެވެ.