ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން މިހާރު ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ އިންޑިއާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތަކުގެ ސަބަބުން ހިތައް ކެތްނުވެގެން ހިންގާ ހަރަކާތެއް ކަމަށް މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ. އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ އެ ކެމްޕޭން އެޕާޓީން ކުށްވެރި ކުރާ ކަމަށެވެ.

ވަރަށް ބޮޑަށް ރައީސް ޔާމީނަށް ފާޑުކިޔައި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނަށް އިންޑިއާ، ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، ޔޫ.އެން އަދި ކޮމަންވެލްތު ގޯސްވީ ސިޔާސީ އެތައް ކުއްވެރިންނެއް ޖަލަށްލައިގެން އަނިޔާ ނުކުރުމަށާއި، އިންސާފު ގާއިމުކޮށް އިންސާނީ ހައްގުތައް ހިމާޔަތް ކުރަން އެ ގައުތަކުންނާއި ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން ގޮވާލުމުން ކަމަށް އެބަޔާނުގައި ވެއެވެ.

އެޕާޓީން ބުނެފައިވަނީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައި ރައީސް ޔަމީން ވެރިކަމުން ދުރަށް ވަޑައިގެންނެވިއިރު އެ 5 އަހަރުވެސް ޔޫއެންގައި ދިވެހިރާއްޖެ ތަމްސީލު ކޮށްދެއްވާކަށް ކެރިވަޑައެއްނުގެންނެވި ކަމަށް ބުނެފައިވެއެވެ. "ކޮމަންވެލްތުން ސަސްޕެންޑް ކުރާނެ ކަން ޔަގީން ވުމުން އަވަހަށް އެޖަމާއަތުން ވަކިވިއެވެ. އަދި އެތައް ގައުމަކާ ހާރިޖީ ގުޅުން ކަނޑާލެއްވިއެވެ. ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު ދިވެހިރާއްޖެ އޮތީ މުޅި ދުނިޔެ އާއި އެކަހެރިވެ ޔޫރަޕިއަން ޔޫނިއަން އިން ފިޔަވަޅު އަޅާހިސާބުގައެވެ." އެބަޔާނުގައި ވެއެވެ.

އިންޑިއާއައުޓު ކެމްޕޭނާ ދެކޮޅު ހަދަމުން އެބަޔާނުގައި ބުނެފައިވަނީ މީގެކުރިންވެސް ދިވެހި ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައިވެސް އިންޑިއާއިން ރާއްޖެއަށް އެހީވެފައިވާ ކަމަށެވެ. "ކޮވިޑް-19 ކާރިސާ 2020 ވަނަ އަހަރު ފެށުނީއްސުރެ މިއަދާ ހިސާބަށްވެސް މިދިވެހި ގައުމު ބަނގުރޫޓު ނުވެ މެނޭޖް މިކުރެވެނީ އިންޑިއާގެ ބޮޑުއެހީތެރިކަމަކާއިލައިގެންނެވެ. އެއީ މުޅި ދުނިޔެ ބަންދުކޮށްފައި އޮތް އިރުވެސް ޓްރެވެލް ބަބުލް އެއް ގާއިމު ކޮށްގެން ރާއްޖެއަށް ފަތުރުވެރިން އިންޑިއާއިން އާދެވޭނެ ގޮތް ހަމަޖައްސާ ދެއްވާ އަދި ބޮޑެތި ބަލިތަކަށް ރާއްޖެއިން ނުކުރެވޭ ބޭސްފަރުވާ ކުރަން އިންޑިއާ އަށް ދެވޭގޮތް މުޅި އިންޑިޔާ ބައްދުކޮށްފައި އޮތްއިރުވެސް ދިވެހިންނަށް ހާއްސަކަން ދީގެން ހަމަޖައްސައި ދިނެވެ. އަދި ވެކްސިން އިންޑާއިން ހިލޭދިން ފުރަތަމަ ގައުމަކަށް ރާއްޖެވީއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް މިހާރުވެސް އަންނަނީ އިންޑިއާއިންނެވެ." އެބަޔާނުގައި ވެއެވެ. އޭގެ އިތުރުން ތިލަމާލެ ބްރިޖް ފަދަ ތަރައްގީގެ އެތައް މެގަ ޕްރޮޖެކްޓްތަކަކަށް ލުއިލޯނާއި ބަޖެޓް ސަޕޯޓް އަދި ހިލޭ އެހީގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ފާއިތުވީތިން އަހަރުތެރޭ އިންޑިއާއިން ރާއްޖެއަށް ވަނީ ދީފައި ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

"އިންޑިއާގެ އެހީތެރިކަމާ އެކީ ދުނިޔޭގެ ފަހުރުވެރި ޔޫއެންޖީއޭގެ ރައީސް ކަމުގެ މަގާމް އަދާކުރައްވަނީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ‎‎ ޝާހިދުއެވެ. ކުރިން ހިފެއްޓުމެއްނެތި އަންނަމުން ދިޔަ ޑްރަގްބޯޓުތައްވެސް ދަނީ ޓްރެކްކުރެވި އެތައް ކިލޯއެއްގެ މަސްތުވާތަކެތި އިންޑިއާގެ އެހީ ތެރިކަމާއި އެކީ ދިވެހި ފުލުހުން ދަނީ އަތުލައިގަންނަމުންނެވެ. ރައީސް ޔާމީނު އަށް ހަޖަމުނުވިޔަސް ކުރިއައް އޮތްތަނުގައިވެސް އިންޑިއާއިން ދާނީ ދިވެހިރާއްޖެއަށް އެހީ ތެރިވަމުންނެވެ. މިއީ ރައީސް ސާލިހުގެ ހަރުދަނާ ހާރިޖީ، ދިފާއި އަދި އިގްތިސާދީ ސިޔާސަތުތަކުގެ ފުރިހަމަ ނަތީޖާއެވެ." އެބަޔާނުގައި ވެއެވެ.

ރައީސް ޔާމީނުގެ މަގްސަދަކީ އިންޑިއާއާއި މެދު ނަފްރަތު އުފައްދާ އަމިއްލަ ފުޅަށް ކުރެއްވި ހުރިހާ ކަމެއް މަތިޖެހުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮވިޑްގެ މި ދަތިހާލުގައި ރާއްޖެއަށް ބޭރުން ލިބޭ އެހީ ތަކާއި އަދި ވިޔަފާރިތަކާއި އިންވެސްޓްމެންޓްތައް ހުއްޓުވާލުން ކަމަށް ވެސް ބުނެފައިވެއެވެ. ރައީސް ޔާމީނު ތަރައްގީގެ ނަމޫނާއަކަށް ސިންގައްޕޫރުގެ ވާހަކަ ދައްކަވާއިރު ސިންގައްޕޫރުގެ ހަރުދަނާ ފޮރިން ޕޮލިސީއެއް އެނގި ވަޑައިނުގަންނަވާ ކަމަސް ވެސް ނޫސްބަޔާނުގައި ވެއެވެ. ސިންގައްޕޫރު، ޔޫއޭއީ ފަދަ އެތައް ކުދި ގައުމެއް ތަރައްގީވެފައި ވަނީ ބެލެންސްޑް ފޮރިން ޕޮލިސީއަކާއި އަދި ވަރުގަދަ ޑިފެންސް ޕާރޓްނަރޝިޕްތަކަކާއި އެކީގައި ކަމަށް ބުނެފައިވެއެވެ.

ރައީސް ޔާމީނު "އިންޑިއާ އައުޓް" ޖަހައިގެން ޓީޝާޓް ތުރުކުރައްވައިގެން އިންޑިއާގެ 1 ބިލިއަނަށް ވުރެ ގިނަ ރައްޔިތުންނާ ދެކޮޅަށް ނަފުރަތު އުފައްދަން ހިންގަވަނީ ވަރަށް ހަރުކަށި އަދި ނާތަހުޒީބު ހަރަކާތެއް ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ. "މިއަދު ރައްޔިތުންނަށް ކޮވިޑް-19 އިގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެ ނާޖާއިޒު ފައިދާ ނައްގަވައިގެން ނަފުރަތާ ޖަޒުބާތުގައި ރައްޔިތުން ޖެއްސުމަކީ ދިވެހިރާއްޖެ ދެކެލޯބިވާ އެއްވެސް ލީޑަރެއް ކުރާނެ ކަމެއް ނޫނެވެ. މިއަދު ރައީސް ޔާމީނަށް އެއްވެސް އުންމީދެއް ރައްޔިތުންނަކަށް ނުދެވެއެވެ. ބަދަލުގައި އެމަނިކުފާނު ގެންގުޅުއްވަނީ ހުރިހާ ކަމަކަށް އެންމެ އެޖެންޑާއެކެވެ. އެމަނިކުފާނުގެ ވައުދަކީވެސް އަދި މެނިފެސްޓޯ އަކީވެސް ބަދަލުހިފުމުގެ ރޫހާއި ނަފުރަތުން ފުރިގެންވާ "އިންޑިއާ އައުޓް" އެޖެންޑާއެވެ."

"އެމްޓީޑީން ރައީސް ޔާމީނު ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭން ކުއްވެރިކުރަމެވެ. އަދި މިކަމާ ރައްޔިތުން ފުންކޮށް ވިސްނާ މިކަމުގައި ބައިވެރި ނުވާން ގޮވާލަމެވެ."