އިންޑިއާގެ ރަށްތަކުގައި ހަވާ އެރުވުމާއި ފަޓާހުގެ ކުޅިވަރު، އިންޑިއާގެ ކޯޓަކުން މަނާކޮށްފިއެވެ.

ނޭޝަނަލް ގްރީން ޓްރައިބިއުނަލްއިން ފަޓާހާއި ހަވާގެ ކުޅިވަރު މަނާކުރީ، އިންޑިއާގައި ހިންދޫން ފާހަގަކުރާ އެންމެބޮޑު އަހަރީ ފެސްޓިވަލް ކަމަށްވާ ދީވާލީ ގާތްވަމުންދާ ވަގުތެއްގައެވެ.

ދީވާލީގައި އިންޑިއާގެ ރަށްތަކުގައި އެތައްމިލިއަން ފަޓާހާއި ހަވާ އެރުމުގެ ހަރަކާތްތައް ހިންގައެވެ.

މިކަމުގެ ސަބަބުން ޚާއްސަކޮށް އިންޑިއާގެ އުތުރުގެ ރަށްތަކުގެ ވައި ވަރަށް ބޮޑަށް ނުސާފުވެގެންދެއެވެ. އިންސާނުން ނޭވާލާން ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެގެން ދެއެވެ.

އިންޑިއާގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދިއުމާއި، ވައި ނުސާފުވުމާ ގުޅުން ވާކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކޮވިޑް ބަލީގެ ހާލަތު ގޯސްވަމުންދާތީ ދީވާލީއާ ދިމާކޮށް ފަޓާސް ގޮއްވުމާއި، ހަވާ އެރުވުމާއި ބަޑިބޭހުގެ ކުޅިވަރު ކުޅުން މަނާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނޭޝަނަލް ގްރީން ޓްރައިބިއުނަލްއިން ދެކެއެވެ.

ނޭޝަނަލް ގްރީން ޓްރައިބިއުނަލްއަކީ، އިންޑިއާގެ އާންމު އެހެން ކޯޓުތަކެކޭ އެއްފަދަ ބާރުތަކެއް ލިބިދީފައިވާ ކޯޓެކެވެ.

ނެޝަނަލް ގްރީން ޓްބައިބިއުނަލްއިން ބުނެފައިވަނީ، އާންމު ރައްޔިތުންގެ ދިރިއުޅުމާއި ސިއްހަތަށް ބަޑިބޭހުގެ ކުޅިވަރުތަކުން ކުރިމަތިވާ ނުރައްކާ ވަރަށް ބޮޑުކަމަށެވެ.

އެހެންވެ، ނޮވެމްބަރު 30 ގެ ނިޔަލަށް ފަޓާސް ގޮއްވުމާއި، ހަވާ އެރުވުމާއި، ބަޑިބޭހުގެ ކުޅިވަރުތައް އިންޑިއާގެ ހުރިހާ ރަށެއްގައި ކޯޓުންވަނީ މަނާކޮށްފައެވެ.

ދުނިޔޭގައި ކޮވިޑްބަލި ޖެހިފައިވާ މީހުންގެ އަދަދަށް ބަލާއިރު އިންޑިއާ އޮތީ ދެވަނައިގައެވެ. އެއީ، 8.5 މިލިއަނެވެ.

އިންޑިއާގެ ރަށްތަކުގައި ވަރަށް ބޮޑަށް ވައި ނުސާފުވަމުންދާތީ ބަލީގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް، ސިއްހީ ތަޖުރިބާކާރުން ގެންދަވަނީ އިންޒާރު ދެއްވަމުންނެވެ.