އަންނަ 2021 އަހަރަށް ލަފާކޮށް ދައުލަތުން، 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ރައްްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

ބަޖެޓުގައި އަންނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 33.3 ބިލިއަން ރުފިޔާއެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ބަޖެޓާއި ޚަރަދާއިހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާކަމަށެވެ.

ބަޖެޓްގައި އަންނަ އަހަރު ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައި ވަނީ 17.8 ބިލިއަން ރުފިޔާއެވެ.

. އެގޮތުން ޓެކުހުން 9.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން 5.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ. އަންނަ އަހަރު ހިލޭ އެހީއާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ.

އިމްޕޯޓް ޑިއުޓީން 2.9 ބިލިއަން ރުފިޔާ، ޖީއެސްޓީން 2 ބިލިއަން ރުފިޔާ، ގްރީން ޓެކްސްއިން 363 މިލިއަން ރުފިޔާ، ޓީޖީއެސްޓީން 2 ބިލިއަން ރުފިޔާ، ޕީބީޓީން 2 ބިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ސާޖުން 313 މިލިއަން ރުފިޔާ، ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ދިވެހިންނަށް ބިން ވިއްކައިގެންނާއި ފަތުރުވެރިކަމަށް ބިން ދޫކޮށްގެންނާއި ޕާކިން ފީ ނަގައިގެންނާއި ޓެލެކޮމް ލައިސަންސް ފީއާއި ރިއަލް އެސްޓޭޓުން ލިބޭ އާމްދަނީ އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީއިން ޖުމްލަ 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް އަންނަ އަހަރުގެ ބަޖެޓުންވެސް އެންމެ ބޮޑު ހޭދައެއް ކުރާނީ ޕީއެސްއައިޕީގެ މަޝްރޫއު ތަކަށާއި މުވައްޒަފުންނަށް ހިނގާ ހަރަދަށެވެ. އެގޮތުން ބަޖެޓުގެ 48 އިންސައްތަ ހޭދަކުރެވިގެންދާނީ އެ ދެކަންތަކަށެވެ.