ވ. ފުއްސަރު ކައިރިން ދޯންޏެއް އަޑިއަށް ދާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ފ. އަތޮޅު ފީއަލި ކައިރިން ފުރައިގެން މާލެ ދަތުރުކުރި "އަލަމާ-05" ނަމަކަށް ކިޔާ ދޯންޏެއް ފުއްސަރުގަޅުގެ ހުޅަނގު ދެކުނުން ހަތަރު ވަރަކަށް ނޯޓިކަލް މޭލުން ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 23:22 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ތިބީ ތިން މީހުން ކަމަށާއި މިދޯނި ދަތުރު ކުރަމުން ދިޔައީ، ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށެވެ.