ލާދީނީ މީހެއް ކަމަަށް ބުނެ ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހެޅުމާ ގުޅިގެންނެވެ. މި މައްސަލަ ހުށަހެޅީ، "ރައްޔިތުންގެ އިއްތިހާދު" ނަމުގައި އުފައްދާފައި އޮތް ހަރަކާތަކުންނެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއް މެދުވެރިކުރައްވައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ޙަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ޙަމަލާތަކާއި، މީޑިޔާގެ ރިޕޯޓުތަކުގައި، އެމަނިކުފާނަކީ އިސްލާމް ދީނުގެ އަސާސްތަކާ ޚިލާފަށް އުޅޭ ބޭފުޅެއްގެ ގޮތުގައި ތަޞައްވުރެއް ކުރަހަން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށެވެ.
އެގޮތުން ސިޔާސީ މަސްރަހުގައި، މިފަދަ ބަސްމަގުން އެމަނިކުފާނުގެ ޒާތަށް ކުޑައިމީސް ބަސް ރައްދުކުރުމަކީ، އެ ފަދަ ތައުހީނަކާ ނުލައި ސިޔާސީ ބަހުސެއް ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނާ ދެކޮޅަށް އެއްލާ އެތިފަހަރުތަކުގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އެ ފަދަ ވާހަކަތައް، އިންތިހާއަށް ނުރައްކާތެރި ވެފައި، އޭގެ ހަމައެކަނި މަޤްޞަދަކީ އަޅުގަނޑުގެ ޖާނަށް ނުރައްކާ ދިނުމެވެ. ލާދީނީ މީހެއްކަމަށް ބުނެ، ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމުގެ އުންމީދުގައި ހުރީމެވެ" އެ ބަޔާނުގައިވެ އެވެ.
މިފަދަ މައްސަލަތައް ފުލުހަށް ހުށަހަޅަނީ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު، މެއި 25، 2021 ގައި ހުށަހެޅިގޮތަށް މަޖިލީހުން ފާސްނުކުރުމުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ފުލުހަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ނަސޯރާއިން ފާހަގަ ކުރާ އެއް އީދު ކަމަށްވާ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ރައީސް ނަޝީދު ފާޅުކަން ބޮޑު ގޮތަކަށް ދިވެހިންނަށް ފޮނުއްވާފައި ކަމަށެވެ. އަދި އޭގެ ކުރީ އަހަރު ވެސް ކްރިސްމަސްގެ ތަހުނިޔާ ވިދާޅުވެ ރައީސް ނަޝީދު ތަހުނިޔާގެ މެސެޖުތައް ފޮނުއްވާ އެފަދަ ފޮޓޯ އާންމުކުރައްވާފައިވާ ކަމަށާއި ފުލުހަށް އެފަހަރު މައްސަލަ ހުށަހެޅި ނަމަވެސް މައްސަލަ ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.
އެހެންކަމުން މިދިޔަ މަހުގެ ތެރޭގައި ކްރިސްމަސް ތަހުނިޔާ ރައީސް ނަޝިދު ވިދާޅުވެފައި ވާތީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާނެ ކަމަށާއި ނަޝީދުގެ އެ އަމަލަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ޚިލާފު އަމަލެއް ކަމުގައި ރައްޔިތުންގެ އިއްތިހާދުން ތުހުމަތު ކޮށްފައިވެއެވެ.