ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ “އަލަމާ 5” ދޯނި ވ. އަތޮޅު ފުއްސަރު ފަޅާ ދިމާއިން ހަތަރު ނޯޓިކަލް މޭލު ބޭރުގައި އޮއްވައި މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ދޯނި ދިޔަވެ، ވަނީ އަޑިއަށް ގޮސްފައެވެ. އެއިން ދަތުރު ކުރި ތިން މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ގެންދަނީ ކުރަމުންނެވެ.

އެ ދޯނިން ގެއްލިފައިވާ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީޤް (32އ) އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަސަދުލް އިސްމާލް (37އ) އެވެ. ގެއްލިފައިވާ ތިންވަނަ މީހާއަކީ ވެސް ބިދޭސީ ފިރިހެނެކެެވެ. އެމީހާގެ މައުލޫމާތު ހޯދައި، ވެރިފައިކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރު 3322111 އަށް ނުވަތަ ވ. ފެލިދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792782 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.

މި ފަޅުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާތަނަށް ވަނީ ކަނޑާއި ވައިގެ މަގުން 2720 ސްކޮޔަރ ނޯޓިކަލްމޭލްގެ ސަރަޙައްދެއް ބަލާފައެވެ. ފަޅުވެރިން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މި ކަމުގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް ޑޯނިއަރ ފްލައިޓާއި ކޯސްޓްގާޑް އެކޯ-905 ސީ އެމްބިއުލާންސެވެ.