ގދ. އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021 ގައި ފަރެސްމާތޮޑާގެ ފިރިހެން ޓީމާއި އަންހެން ޓީމުން މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑަކާއެކު މުބާރާތުގައި ދަނީ ފައިތިލަ ސާބިތު ކުރަމުންނެވެ.

ފަރެސްމާތޮޑަގެ ފިރިހެން ޓީމް ފުރަތަމަ ބައްދަލުކުރީ މަޑަވެލީ ވޮލީޓީމާއެވެ. އެ މެޗު ފަރެސްމާތޮޑާ އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ގައްދޫ ޓީމާއެވެ. އެމެޗުވެސް ފަރެސްމާތޮޑާއން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ރަތަފަންދުއާ ބައްދަލުކުރި މެޗުގެ ވެސް އެޓީމުން ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ.

އެރަށު އަންހެން ޓީމުން މިހާތަނަށް ވަނީ މިފަދަ ނަތީޖާއެއް ނެރެދީފައެވެ. ފަރެސްމާތޮޑާ އަންހެން ޓީމް ފުރަތަމަ ބައްދަލުކުރީ މަޑަވެލީ އަންހެން ވޮލީޓީމާއެވެ. އެ މެޗު ފަރެސްމާތޮޑާ އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ދެވަނަ މެޗުގައި އެޓީމް ބައްދަލުކުރީ ގައްދޫ ޓީމާއެވެ. އެމެޗުވެސް ފަރެސްމާތޮޑާއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ރަތަފަންދުއާ ބައްދަލުކުރި މެޗު ވެސް އެޓީމުން ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ.

ފަރެސްމާތޮޑާ އަންހެން ޓީމަށް ގައުމީ ޓީމުގެ ކުޅުންތެރިއަކު ހިމެނޭ ގޮތުން ރަށުން ބޭރުގެ ތިން ކުޅުންތެރިއަކު ކުޅެއެވެ. ފިރިހެން ޓީމަށް ވެސް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ލޯންގޭއާއި ގައުމީ ޓީމުގެ އިތުރު ދެ ކުޅުންތެރިއަކު ކުޅެއެވެ.

މި މުބާރާތުގައި ޖުމްލަ 10 ޓީމު ވާދަކުރެއެވެ. މީގެ ތިން ދުވަސްކުރިން ފެށި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. ދެވަނަ ތީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

މި މުބާރާތް ކުރިއަށްދަނީ ގދ. ފިޔޯރީ ގައެވެ. މިއީ ކުޅިވަރު މެދުވެރިކޮށް އެއަތޮޅުގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ރޫހު ވަރުގަދަ ކުރުމަށް ބާއްވާ މުބާރާތެކެވެ.