ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ ޕްލޭނަކީ ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްޤީކޮށް އެ މީހަކު ހުރި ހިސާބަކުން، ހުރި ރަށަކުން ބޭނުންވާ ޚިދުމަތް ދީ، ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖޭގެ އެއް ރަށާއި އަނެއް ރަށް ގުޅާލުންކަމުގައެވެ.
މިރޭ، މަނަދޫ ސްކޫލްގައި ކުރިޔަށްގެންދެވި މި ބައްދަލުކުރެއްވުމުގައި މަނަދޫ ރައްޔިތުން ވަނީ ތަރައްޤީއާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިޙްސާސްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ގޮތުން މަނަދޫ ރައްޔިތުން ވަނީ އިއާދަކުރަނިވި ހަކަތައާއި، މަގުހެދުމާއި، ނަރުދަމާގެ މައްސަލަ ޙައްލުކުރުމާއި، ބޯހިޔާވަހިކަމުގެ އިތުރުން އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ލޯކަލް މާރުކޭޓެއް އެޅުމާއި، މަނަދޫގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަނަދޫގެ ތަރައްޤީއަށް އަލިއަޅުއްވާލައްވައި އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. ބޯހިޔާވަހިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ޙައްލުކުރުމަށް މާލޭގައި އެކަނި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަކީ ޙައްލެއް ނޫންކަމަށާއި މާލެއަށް މީހުން ޖަމާނުވާނެހެން ރަށްރަށުގެ ކަންކަން އިންތިޒާމްކޮށް، ރަށްރަށުގައި އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަކީ މުހިންމުކަމެއް ކަމަށެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަކީ ތަރައްޤީއަށް ނުހަނު ބޭނުންތެރި ނިޒާމެއް ކަމަށާއި، ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަޝްރޫޢާ ގުޅެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ ޓީމުން ވަނީ ވާހަކަފުޅުދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މަނަދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.