ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތައް ތަރުތީބުކޮށްފައި ވަނީ، ތަރައްޤީގެ ލާބައާއި ނަފާ ސީދާ ރައްޔިތުންނަށް ލިބޭނެގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މަގޫދުއަށް ޒިޔާރަތްކުރައްވައި އެ ރަށުގައި ފެނަކަ ކޯޕަރޭޝަންއިން ތަރައްޤީކޮށްފައިވާ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހާ ރަށެއްގައި ވެސް އަސާސީ ޚިދުމަތްތައް ޤާއިމު ކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށާއި، މި ސަރުކާރުން ވެރިކަމާ ހަވާލުވީ އިރު، ރައްޔިތުން ތިބީ އަސާސީ ގިނަ ޚިދުމަތްތަކަކުން މަހުރޫމުވެފައި ކަމުގައެވެ. އަދި، ފެނާއި ނަރުދަމާގެ ޚިދުމަތާއި، ޞިއްޙީ ފަރުވާގެ ޚިދުމަތާއި، ތަޢުލީމީ ނިޒާމު ފުރިހަމަކުރުމާއި، ކަރަންޓުގެ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމު ކުރުމަށް މި ސަރުކާރުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައެވެ. މީގެ އިތުރުން، އަމިއްލަ ރަށުން ލިބެން ނެތް ޚިދުމަތްތައް، އެ ރަށެއް ހުރި ސަރަޙައްދަކުން ފޯރުކޮށްދިނުމުގެ ގޮތުން ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، މިފަދަ އަސާސީ ޚިދުމަތަކީ ކޮންމެ ފަރުދެއްގެ އަސާސީ ޙައްޤެއްގެ ގޮތުގައި ސަރުކާރުން ޤަބޫލުކުރާތީ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މަގޫދޫގައި މިއަދު ހުޅުއްވައިދެއްވި އައު އިންޖީނުގެއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަން އަދި ސަރުކާރުގެ އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ މި ވެރިކަމުގެ ފާއިތުވި ތިން އަހަރުގެ ތެރޭގައި ކަރަންޓުގެ ޚިދުމަތަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމުގައެވެ. މި ގޮތުން، މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ކަރަންޓު އުފެއްދޭ މިންވަރު ރެކޯޑްކުރެވިފައި ވަނީ 70 މެގަވޮޓްގައި ކަން ފާހަގަކުރައްވާ، މިހާރު އެ އަދަދު ދެގުނަކޮށް، 140 މެގަވޮޓަށް އިތުރު ކުރެވިއްޖެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، 133 ރަށަކަށް 213 އައު އިންޖީނު ފޯރުކޮށްދެވިފައިވާ ކަމަށާއި، 112 ރަށެއްގެ ކަރަންޓު ކޭބަލް ނެޓްވަރކް އަޕްގްރޭޑް ކުރެވިފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 39 ރަށެއްގައި އައު އިންޖީނުގެ ޢިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވާ ކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، މިހާރު ވެސް އިތުރު 31 ރަށެއްގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައެވެ. އަދި، އިތުރު 14 ރަށެއްގައި އައު އިންޖީނުގެ ޢިމާރާތްކުރުމަށް ރާވާފައިވާ ކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކަރަންޓުގެ ޚިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވާފައެވެ. މި ގޮތުން، މިސަރުކާރު ހަވާލުވީ އިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދޭ މިންވަރު އޮތީ 16 މެގަވޮޓުގައި ކަން ފާހަގަކުރައްވާ، އެ އަދަދު މިހާރު 20 މެގަވޮޓަށް އިތުރުކޮށް، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އެ އަދަދު 52 މެގަވޮޓަށް އިތުރު ކުރުމަށް އަމާޒު ހިފާފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މަގޫދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެ ޙާލަތުވެސް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަގޫދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް އިއްޔެ ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

-ޚަބަރާއި ފޮޓޯ ރައީސް އޮފީސް