މިހާރު ކުރިއަށްދާ "ގދ. އަތޮޅު ކައުންސިލް ފޭސް ވޮލީބޯލް މުބާރާތް 2021" ގައި މިރޭ ފަރެސްމާތޮޑާގެ އަންހެން ވޮލީ ޓީމަށާއި ފިރިހެން ވޮލީ ޓިމަށް ތަރުހީބު ދިނުމަށް މަސްދޯނި ތަކުގައި ފަރެސްމާތޮޑާގެ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ހަވީރު ފިޔޯރީއަށް ހިނގައްޖެއެވެ.

މިރޭ ފުރަތަމަ މެޗުގައި 20:00 ގައި ބައްދަލު ކުރާނީ ފިޔޯރީގެ ފިރިހެން ޓީމާއި ފަރެސްމާތޮޑާގެ ފިރިހެން ޓީމެވެ. ފިޔޯރީގެ އަންހެން ޓީމާއި ފަރެސްމާތޮޑާގެ އަންހެން ޓީމު ވާދަކުރާ މެޗް ކުޅޭނީވެސް ހަމަ މިރެއެވެ.

މަސްދޯނިތަކުގައި ފަރެސްމާތޮޑާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ފިޔޯރީއަށް ގޮސްފައިވާއިރު މިމުބާރާތުގައި އެންމެ ވަރުގަދަކޮށް މިފަހަރު ފެންނަނީ ފިޔޯރީއެވެ. އެހެންކަމުން މުބާރާތުގައި އޮތް އެންމެ ވަރުގަދަ ރަށާ ދެކޮޅަށް ކުޅޭއިރު، އަމިއްލަ ރަށުގެ ގިނަ ސަޕޯޓަރުންތަކެއް ފިޔޯރީއަށް އައިސް ޓީމަށް ތަރުހީބު ދިނުމަކީ ފިޔޯރި ޕްރެޝަރަށް ދުއްވާލައި ފަރެސްމާތޮޑާގެ ފިރިހެން ޓީމަށާއި އަންހެން ޓީމަށް މެޗް ކާމިޔާބު ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ.