ފިޔޯރީގައި މިހާރު ކުރިއަށްދާ "ގދ. އަތޮޅު ކައުންސިލް ފޭސް ވޮލީބޯލް މުބާރާތް 2021" ގައި ރޭ ވަރަށް ވާދަވެރި ކުޅުމަކަށްފަހު ފަރެސްމާތޮޑާ 1-3 އިން ބަލިކޮށް ފިރިހެން ބައިގެ ފައިނަލުން ފިޔޯރީ ޖާގަ ހޯދައިފިއެވެ.
މެޗް ފެށުމުގެ ކުރިންވެސް ފޯރިގަދަވާނެ ކަމަށް ބެލެވިފައި އޮތް މިމެޗުގައި ދެރަށުގެ ސަޕޯޓަރުންގެ އަޑުން ގުގުމާފައި އޮތް މާހައުލުގައި ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ފިޔޯރީއިން ކާމިޔާބު ކުރީ 32-34 ޕޮއިންޓުންނެވެ. ޕްރެޝަރުގައި ކުޅެ ފިޔޯރީއިން މިސެޓު ކާމިޔާބު ކުރުމުގައި ފިޔޯރީއަށް ކުޅެމުން އަންނަ ރާއްޖޭ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ދައުރު ބޮޑެވެ. އެކަމަކު ދެވަނަ ސެޓުގައި ފަރެސްމާތޮޑާއިން ވަނީ މޮޅަށް ކުޅެ ފިޔޯރީ ޕްރެޝަރަށް ދުއްވާލައި ސެޓް ކާމިޔާބު ކޮށްފައެވެ. މެޗުގެ އޮއިވަރު ފިޔޯރީ ކޮޅަށް އެރަށުން އަނބުރާލީ ތިންވަނަ ސެޓް ކާމިޔާބު ކޮށްގެންނެވެ. އަދި ހަތަރުވަނަ ސެޓުގައި 25-20 އިން ކުރި ހޯދައި ފިޔޯރީއިން މެޗް ކާމިޔާބު ކުރިއެވެ.
މިމެޗުން މޮޅުވުމުން ފިޔޯރީއަށް ފައިނަލުން ފުރުސަތު ލިބުނީ ސައްތައިން ސައްތަ ރެކޯޑަކާއެކުއެވެ. މިމެޗުން ބަލިވިނަމަވެސް ފައިނަލުން ފުރުސަތު ހޯދުމުގެ އަމިއްލަ ބާރު ފަރެސްމާތޮޑާއަށް އަދިވެސް އޮތްކަން ފާހަގަ ކޮށްލެވެއެވެ.