ހޯމް ސްޓޭ ފަތުވެރިކަމުގެ ސަބަބުން ދިވެހިންގެ ދީނާއި ޘަޤާފަތަށް ނޭދެވޭ އަސަރު ފޯރާނެކަމަށް ބުނާ އަޑުތައް ވަރަށްވެސް ގަދަވިއެވެ. އެހެންނަމަވެސް ދިއްގަރުން ދެއްކީ ހޯމް ސްޓޭގެ ސަބަބުން ދިވެހިންގެ ރީތި ޘަޤާފަތާއި އާދަކާދައަށް ތަޢުރީފާއި ޘަނާ އިތުރުވާނެކަމެވެ. މި ގައުމުގެ ރީތި ޘަޤާފަތަށް ބޭރުމީހުންގެ ލޯބި ޖެއްސިދާނެކަމެވެ. އެމީހުންގެ ހިތުގައި ރާއްޖޭގެ ރައްޔިތުންނަށް އުފެދުނު ލޯބި އިތުރު ކޮށްދެވިދާނެ ކަމެވެ. ދިވެހިންގެ އެއްބައިވަންތަކަމާއި އޯގާތެރިކަމާއި އެއްބައެއްވަންތަކަން ބޭރު ދުނިޔެއަށް އިތުރަށް ހާމަ ކޮށްދެވިދާނެކަމެވެ.

ހޯމް ސްޓޭ އަށް ފުރަތަމަ އައި އެމެރިކާ ދެމަފިރިން ރާއްޖެ އައީ ހަނީމޫނަށެވެ. 9 އޮގަސްޓް 2020 ވަނަ އަހަރު ކައިވެނި ކުރި މި ދެމަފިރިންނަށް ގައުމުން ބޭރަށް ހަނީމޫނަށް ނުދެވިފައި ތިބީ ކޮވިޑް 19ގެ ބަލިމަޑުކަމުންނެވެ. އެހެންނަމަވެސް ފަތުވެރިންނަށް ރާއްޖެ ހޮޅުވާފައި އޮތުމާއެކު މި ދެމަފރިންގެ ހަނީމޫނު މަންޒިލަކަށް ރާއްޖެ ހެދިއެވެ. އަދި ޓްވަރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއެކު ރާއްޖޭގެ ފުރަތަމަ ހޯމް ސްޓޭ ފަތަރުވެރިންގެ ގޮތުގައި މި ދެމަފިރިންނަށް ފުރުޞަތު ލިބުނެވެ.

ހޯމް ސްޓޭއަށް އައި ދެމަފިރިން ދިއްގަރު ބަޔަކާއި އެކު- ފޮޓޯ: އެފްބީ

ހޯމް ސްޓޭ އަށް އައި ފުރަތަމަ ފަތުރުވެރިން ސްނޯކްލީންނަށް ގެންދިއެވެ. ކޯމަސް ދެއްކިއެވެ. އަދި މި ދަތުރުގައި އެމީހުނަށް ވަދު އަޅައިގެން މަސްބޭނުމުގެ ފުރުޞަތުވެސް ދިނެވެ. އެމީހުން ބޭނިމަސް ފިހެގެންނާއި ގަރުދިޔަ ކައްކައިގެން ކެއެވެ. ޖޫލީގެ ދެމަފިރިން ބުނީ ދުވަހަކުވެސް ތާޒާމަހެއް ނުކާކަމަށެވެ. އަބަދުވެސް ލިބެނީ ފްރިޖްކޮށް ގިނަދުވަސްވެފައި ހުންނަ މަސްކަމަށެވެ. އަދި ތާޒާމަހުގެ މީރުކަން މި އެނގުނީ ރާއްޖެ އައުމުންކަމަށްވެސް އެމީހުން ބުނިކަމަށް އެ ދެމަފިރިންގެ ކަންތައް ބެލެހެއްޓުމުގައި އިސްކޮށްހުރި އާދިލް ބުނުއްވިއެވެ.

ހޯމް ސްޓޭ އަށް ދިއްގަރަށް އައި އެމެރިކާ ދެމަފިރިން މަސްބާނައިގެން - ފޮޓޯ: އާދިލް

ޕާސްތާ ސްޕެގެޓީ ފަދަ ތަކެތި ހަދާފައި ބެހެއްޓުމުންވެސް އެމީހުން ކަނީ ގަރުދިޔާއާއި ފިހުނުމަހާއި ބަތެވެ. އެމީހުނަށް އެންމެ މީރު އެއްޗަކަށްވީ ދިވެހި ހެދިކާގެ ތެރޭގައި ހިމެނޭ ބަޖިއާއެވެ.

ހޯމް ސްޓޭ އަށް ދިއްގަރަށް އައި އެމެރިކާ ދެމަފިރިން ކޯމަސް ބަލަނީ - ފޮޓޯ: އާދިލް

" އެދަމަފިރިން އަޅުގަނޑު ގާތު މިއައީ ހަނީމޫނަށޭ ބުނުމުން ވަގުތުން ކައުންސިލާ އަދި ކޮމެޓީ ތަކާއި ވާހަކަ ދައްކައިގެން އެމީހުނަށް ސަޕްރައިސެއް ދޭން ނިންމީ" އާދިލްގެ އެދުމަށް ދިއްގަރުގެ އަންހެނުން ކޮމެޓީން ލިބާހާއި ފޭލި ހޯދައި ދެމީހުންގެ ހެދުން ތައްޔާރުކޮށްދިނެވެ. އަދި އެ ދެމީހުން ހެދުން ލައްވާ ޒީނަތްތެރި ކޮށްދިނެވެ. " އަންހެންމީހާއަށް ލިބާސް ދިނުނުމުން ގަބޫލުވެސް ނުކުރެވުނު. އޭނާބުނި މީ އަހަރެން ލާން ދިން ހެދުމެއްހެޔޭ؟" ގައުމެއްގެ ސަގާފީ ހެދުން ލުމުގެ ފުރުޞަތު ދުވަހަކުވެސް އޭނާއަށް ލިބިފައި ނުވާތީ އޭނާ ހުރީ ހައިރާންވެ ބަސް ހުއްޓިފައި. " އާދިލް ބުނުއްވިއެވެ. އަހެންމީހާ ލިބަސްލައި ދިވެހިންގެ ޘަޤާފީ ހެދުމުގައި ފެނުމުން އޭނާގެ ފިރިމީހާ އިނގިލީގައި ދަތް އެޅުނު. އޭނާ ބުނި. " އައި ކާންޓް ބިލީވް. އޭނަ އަހަނަށް ގެއްލިދާނެ." އާދިލް ބުނުއްވިއެވެ.

ހޯމް ސްޓޭ އަށް އައި އެމެރިކާ ދެމަފިރިން އެމީހުނަށް ތައްޔާރުކޮށްފައިވާ ކޮޓަރީގައި- ފޮޓޯ: އާދިލް

އެ ދެމަފިރިން ޘަގާފީ ހެދުމުގައި ހިނގާފައި ދިޔައިރު ދިއްގަރު ކުދިބޮޑު އެންމެން ކިޔަމުން ދިޔައީ " މިއީ ދިއްގަރު ކުއްޖެއް. މޫރިތިގޭ ކުއްޖެއް " މިކަމުގެ ސަބަބުން އެދަމަފިރިންނަށް އިތުރު ހިތްހަމަޖެހުމާއި އުފާ ލިބުނެވެ.

ދިއްގަރުގައި އެ ދެމަފިރިން ހޭދަކުރި ދެދުވަހު ދިއްގަރު ރައްޔިތުންގެ ފަރާތުން ލިބުނު އޯގާތެރިކަމާއި ރަޙުމަތްތެރިކަމާއި އެއްބައިވަންތަކަން އެމީހުން ވަރަށް ބޮޑަށް ފާހަގަ ކުރިއެވެ. އަދި އެއީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން އެމީހުނަށް ފެނުނު މަންޒަރެއް ނޫންކަމަށް އެމީހުން ބުންޏެވެ. އަދި އެމީހުންގެ އަމިއްލަ ގައުމުންވެސް މީހަކު ފެނުމުން އިސްޖަހައި އަނގައިން ނުބުނެ ތިބޭނެ ކަމަށް ބުންޏެވެ. ނަމަވެސް ދިވެހިންގެ ކިބައިން ފެނު އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަމޫނާއެއް ކަމަށް އެމީހުން ބުންޏެވެ.

ދިއްގަރު އަންހެނުން ތަކެއް ހޯމްސެޓޭއަށް އައި އެމެރިކާ އަންހެންމީހާ ބޮލު ފުނާއަޅަނީ- ފޮޓޯ: މީސްމީޑިއާ

ދިވެހިންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމަށް ތަޢުރީފުކޮށް އެމީހުން ލިޔުންތައް ލިޔެ އިއްބެ އާއި ދިއްގަރު ރައްޔިތުންނަށް ފޮނުވި އެވެ. އެ ދެމަފިރިން ދިއްގަރުގައި ހޭދަކުރި ދެ ދުވަހު " ޝުކުރިއްޔާ، އައްސަލާމް އަލައިކުމް އަދި ކިހިނެއްތަ؟" މި ބަސްތައް ދިވެހިން ބުނަން ދަސްކުރިއެވެ.

ހޯމް ސްޓޭ އަށް އައި އެމެރިކާގެ ދެމަފަރިން ރޭގަނޑުގެ ކެއުމުގައި- ފޮޓޯ އެފްބީ

ހޯމް ސްޓޭ ފަތުރުވެރިން ރާއްޖެ ސިފަކުރީ އެއްބައިވަންތަ ދެވަނައެއް ނެތް މަންޒިލެއްގެ ގޮތުގައެވެ. ދިވެހިންގެ ޘަގާފަތަށް އެމީހުންގެ ލޯބި ޖެހުނެއެވެ. ދިވެހިންގެ އާދަކަދައަށް ތަޢުރީފު ކުރިއެވެ. ދިވެހި ބަސް ދަސްކުރިއެވެ. މި ދެމަފިރިން އެބުނރި ގައުމަށް ދިއައީ އަދި ދިއްގަރަށް އަންނާނެކަމުގެ ޔަގީކަން ދީފައެވެ.