ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ރ. ދުވާފަރު މީހަކު 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ ރ. ކަނދޮޅުދޫ، މަދަރުސާދޮށުގޭ އަހްމަދު އިބްރާހިމް 15 އަރަށް ޖަލަށްލުމަށެވެ. އެއީ އޭނާގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

މި ހުކުމް އިއްވުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ޝަރީއަތަށް ސާބިތުވީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާ ދީފައިވާ ބަޔާނާއި، މެޑިކަލް، ސޯޝަލް އެސެސްމެންޓް ރިޕޯޓާއި، ޑީއެންއޭ ހެކި ގުޅުވުމުން ކަމަށެވެ.

އެ މައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލަށް ޕީޖީ ޝަމީމް ވަނީ ތައުރީފް ކުރައްވާފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގައި ވަނީ އެފަދަ އަމަލު ހިންގާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ.