އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މި ސަރުކާރުގެ ފާއިތުވި ދެ އަހަރަށް އެފް ރިޕޯޓެއް ދީފިއެވެ.
މިއަދު ޕީޕީއެމް، ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި މުންކަރާތްތައް އިތުރުވެ، އިސްލާމީ އަގީދާ ބަލިކަށިވާ އަމަލުތައް ގިނަވެ، ކޮރަޕްޝަން އާއްމުވެ، އިގްތިސާދު ވަޅުޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން މި ސަރުކާރުން ޝަރުއީ ނިޒާމް ޕެރެލައިޒްކޮށް ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށް ވެސް އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ.
އޭނާ ވިދާޅުވީ ކޯލިޝަން ސަރުކާރުގެ ހިންގުން އިންތިހާއަށް ލަސް ކަމަށާއި ރައްޔިތުންނަށް ވީ ވައުދުތައް ވެސް ނުފުއްދޭ ކަމަށެވެ. އެހެންކަމުން އެ ސަބަބުތަކާ ހެދި މި ސަރުކާރަށް ދޭނީ އެފް ރިޕޯޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށާއި ދިވެހި ގައުމަށް ހެޔޮއެދޭ ނަމަ، ސަރުކާރަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަވަސް އިންތިހާބަކަށް ދިއުން ކަމަށް ވެސް ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް މި ސަރުކާރުން ހިތްވަރު ދެމުން އަންނަ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
އާދަމް ޝަރީފް އެ އިޝާރާތް ކުރެއްވީ ރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާ ނުލާ ވާހަކައެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުން ދިފާއު ކުރައްވަމުންނެވެ.
ބޭރުގެ އަސްކަރީ ބާރުތަކާ އެކު މި ސަރުކާރުން ސިއްރު އެއްބަސްވުންތަކުގައި ސޮއިކޮށް، އެ އެއްބަސްވުންތަކުގެ ތަފްސީލް ދޭން ސަރުކާރުން ދެކޮޅު ހެދުމަކީ އަޑި ނޭނގޭ ކަންކަމާއި ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަންކަން އެކަމުގައި ހިމެނޭ ކަމަށް ތުހުމަތު ކުރުމުގެ ޖާގަ އޮތް ކަމެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.