ގދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެއަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި "ފޭސް ވޮލީބޯލް މުބާރާތް" ވަރުގަދަ ފިޔޯރީ ބަލިކޮށް ފަރެސްމާތޮޑާއިން މިރޭ ޗެމްޕިއަންކަން ހޯދައިފިއެވެ.

ފިޔޯރީގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓާއި ދެވަނަ ސެޓްވެސް ގެންދިޔައީ ފަރެސްމާތޮޑާއިންނެވެ. ފުރަތަމަ ސެޓް 19-25 އިން ފަރެސްމާތޮޑާއިން ކާމިޔާބު ކުރިއިރު ދެވަނަ ސެޓް އެރަށުން ކާމިޔާބު ކުރީ 26-28 އިންނެވެ. އަދި ތިންވަނަ ސެޓް ކާމިޔާބު ކުރީ ވަރަށް ފަސޭހަކަމާއެކު 17-25 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފަރެސްމާތޮޑާ ޓީމުގެ އާދަމް ނަސީމް (ޖާޒީ ނަންބަރި 14) އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިޔޯރީއަށް ކުޅުނު ރާއްޖޭ ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ އަލީ ހުޒާމްއެވެ. ގދ.އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފިޔޯރީ ޓީމުގެ މުހައްމަދު ފަސީހްއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފިޔޯރީ ޓީމުގެ ޖަޒްލާން ޖަމީލެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފަރެސްމާތޮޑާ ޓީމުގެ ކޯޗް އަހްމަދު ސައީދެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ފަރެސްމާތޮޑާ ބަލިކޮށް ފިޔޯރީއެވެ.

އަންހެންބައިގެ ޗެމްޕިއަންކަން ހޯދި ފިޔޯރީ ޓީމް. ފޮޓޯ: ހުވަދޫ ނޫސް

ޗެމްޕިއަން ޓީމަށް މެޑަލް އާއި ޓްރޮފީ ހަވާލް ކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހްމާން، ރާއްޖޭގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފެވެ.