އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވައި ވަރަށް ބޮޑަށް ނުސާފުވެ ނޭވާލާން އުނދަގޫވެގެން އާންމުން ޝަކުވާކުރަން ފަށައިފިއެވެ.

އަންގާރަ ދުވަހަކީ، މިއަހަރުގެ ތެރޭގައި ނިއުދިއްލިގެ ހާލަތު އެންމެ ގޯސްވި ދުވަސްކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިއުދިއްލީގެ އާންމުންވަނީ، ލޮލުން ދިލަނެގުމާއި، ކަރުތެރެ ހިރުވުމާއި، ނޭވާލާންވެސް އުނދަގޫވެގެން ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަމުގެ ޝަކުވާ އުފުލާފައެވެ.

ވައިގެ ނުސާފުމިން ބަލައި ވަޒަންކުރާ އިންޑިކްސްއަށް ބަލާއިރު އެއަދަދު މިއަދު ހުރީ 488 ގައެވެ. މިއީ މިއަހަރު އެއަދަދު މިހާވަރަށް އެރި ފުރަތަމަ ފަހަރެވެ.

މިއީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައި އޮންނަ ރައްކާތެރި ވައިގެ ނުސާފު މިންވަރުގެ 30 ގުނަ އިތުރު އަދަދެއް ކަމަށް ވެއެވެ.

ވައި ނުސާފުވުމުގެ މައްސަލަ އިންޑިއާގެ ވެރިރަށަށް ކުރިމަތިވި މި ދަނޑިވަޅަކީ، ކޮރޯނާވައިރަސްގެ ބަލިމަޑު ހާލަތު އިންޑިއާގައި ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެކެވެ.

ކޮވިޑަކީވެސް ނޭވާލާ ނިޒާމުގެ ޒަރީއާއިން ޖެހޭ ބައްޔަކަށް ވާއިރު، ވައި ނުސާފުވުމުގެ ސަބަބުން މޭގެ ކެންސަރުފަދަ ބަލިތައް އިންޑިއާގައި ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ.

ނިއުދިއްލީ މިހާރު ތަހައްމަލް ކުރަމުންދަނީ ކޮވިޑްބަލީގެ 3 ވަނަ ރާޅެވެ.

މިހާލަތުގައި އެ ސްޓޭޓް އޮތްއިރު، އަވަށްޓެރި ސްޓޭޓްތަކުގައި ދަނޑުހެއްދުމަށް ދަނޑުތައް އެންދުމާއި، ވެހިކަލްތަކުން އަރާ ދުމުގެ ސަބަބުން ނިއުދިއްލީގެ ވައިގެ ނުސާފުމިން މިހާރު ވަށް ގޯހެވެ.