ގޫގްލްއާއި މީސްމީޑިއާ ޓުއިޓާގައި ދެ މުސްލިމު އަންހެނެއްގެ ވާހަކަ އިއްޔެ ޓްރެންޑް ވަމުން ދިޔައެވެ. ދެމީހުންގެވެސް ނަމަކީ ފާތިމާއެވެ. ދެ ފާޠިމާއަކީ، އިސްލާމީ ދުނިޔޭގެ ދެ ބިތުގައި ޢިލްމާއި ދިރާސާގެ މަސައްކަތް ފަށައި ދިނުމުގައި އިސްވެ ތިބި ދެ އަންހެނުންނެވެ.ގޫގްލް ޑޫޑްލްގައި އިއްޔެ ޓްރެންޑްވެ، ގޫގްލްއިން އެމީހެއްގެ އުފަންދުވަސް ފާހަގަ ކުރި، ފާތިމާ ޝެއިޚްއަކީ އިންޑިއާގެ ޕޫނޭގެ އަނެހެނެކެވެ. 1831ގައި ދުނިޔޭގެ އަލިކަން ދުށް ފާތިމާ ޝެއިޚްގެ 191 ވަނަ އުފަން ދުވަސް ފާހަގަ ވެގެން ދިޔައީ އިއްޔެއެވެ.
އޭނާ ވަނީ އޭނާގެ ކޮއްކޮއާއި އެމީހުންނާ ބައިވެރިވި ސަވިތުރަބާއި ޕޫލޭގެ ދެބޭންނާއެކު އިންޑިއާގެ އަންހެނުންނާއި ދަށު ފަންތީގެ ޒުވާނުންނަށް އުގަންނައި ދިނުމަށް ސްކޫލެއް ހުޅުވާފައެވެ. އެ ދުވަސްވަރަކީ ދަށު ފަންތީގެ މީހުންނާއި އަންހެނުންނަށް އުގަންނައި ދިނުން މާނަކޮށްފައި އޮތް ދުވަސްވަރެކެވެ. އެމީހުންގެ މިމަސައްކަތަށް މީހުންގެ ނަފްރަތު އަމާޒު ވިއެވެ.
ފާތިމާ ޝެއިޚް އޭނާގެ ގެ ބަދަލުކޮށްލީ ލައިބްރަރީއަކަށެވެ.
ފާތިމާ ޝެއިޚް ބެލެވެނީ އިންޑިއާގެ އެންމެ ފުރަތަމަ މުސްލިމު އަންހެން ޓީޗަރުގެ ގޮތުގައެވެ.
އިންޑިއާގައި ފުރަތަމަ އަންހެން ކުދިންގެ ސްކޫލެއް ފެށީ ފާތިމާ ޝެއިޚްއާއި ތިން ބައިވެރިން ގުޅިގެންނެވެ. ޕޫނޭގައި ފަސް ސްކޫލާއި މުމްބާއިގައި ދެ ސްކޫލެއް މިމީހުން ފެށިއެވެ. ޕޫނޭގައި ފެށި ހުރިހައި ސްކޫލެއްގައި އޭނާ ކިޔަވައި ދިނެވެ.
އިއްޔެ ޓްރެންޑްވި ދެވަނަ މުސްލިމު އަންހެނަކީ، ފާތިމާ އަލް ފިހްރީއެވެ. އެއީ ފާތިމާ ބިންތި މުހައްމަދު އަލްފިހްރިއްޔާ އަލް ޤުރަޝިއްޔާ އެވެ. ފާތިމާ އަލްފިހްރީއަކީ ދުނިޔޭގެ އެންމެ ދުވަސްވީ ޔުނިވަރސިޓީގެ ބާނީގެ ގޮތުގައި ފާހަގަ ކުރެވޭ ޝަޚުސިއްޔަތެކެވެ. މީލާދީން 800 ވަނަ އަހަރު އުފަންވި، ފާތިމާ އަލް ފިހްރީ ބިންގާ އެޅި ޔުނިވަރސިޓީއަކީ މިހާރުވެސް ހިނގަހިނގާ ހުރި ޔުނިވަރސިޓީއެކެވެ. އެއީ މަޣްރިބްގެ ފާސްގައި ހިނގަމުންދާ ޔުނިވަރސިޓީ އޮފް ގަރަވިއްޔީންއެވެ.
ވިޔަފާރި އާއިލާއަކަށް ނިސްބަޔްވާ ފާތިމާ، ގަރަވިއްޔީން ބިނާ ކުރުމަށް ބިން ގަތީ، ހިޖުރީ ސަނަތުން 254 ވަނަ އަހަރުގެ ރޯދަ މަހު އެވެ. އެއީ، މީލާދީ ސަނަތުން 859ގައެވެ. މިސްކިތަކާއެކު ބިނާ ކުރެވުނު މި ސްކޫލަކީ މިހާރު އެތައް ފެކަލްޓީއަކާއެކު ހިނގާ ޔުނިވަރސިޓީއެކެވެ. ޔުނެސްކޯއާއި ޖިނެސް ބުކް އޮފް ރެކަޑްސް ބުނާ ގޮތުން މިއީ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ޔުނިވަރސިޓީއެވެ.
ދުނިޔޭގެ އެންމެ ފުރަތަމަ ލައިބްރަރީއަކީވެސް ގަރަވިއްޔީން ލައިބްރަރީ ކަމަށް ގުޑްރީޑްސް ބުނެއެވެ.
މި ޔުނިވަރސިޓީގެ އެންމެ މަޝްހޫރު، ޒަމާންވީ ދަރިވަރުންގެ ތެރޭގައި ސްޕެއިންގެ މުސްލިމު އިލްމުވެރިން ކަމަށްވާ އިބްނު ރުޝްދުއާއި އިބްނު ޚަލްދޫން ހިމެނިވަޑައި ގަންނަވައެވެ. އަދި ނަސާރާ ދީނުގެ މަޝްހޫރު ފާދިރީ ޕޯޕް ސެލްވެސްޓަރ 2 ވަނަ އަކީވެސް މި ޔުނިވަރސިޓީގެ ދަރިވަރެކެވެ.